ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ، އެ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ގާތްގަނޑަކަށް 225 ދައުވާ ކުރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މައްސަލައިގެ ތަފްސީލް ހާމަކުރައްވަމުން ޝަމީމް ވިދާޅުވީ، އެއީ މަންޑޭ އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔުންތަކެއް އުފައްދައި، އެ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި އެކައުންޓެއް އުފައްދައިގެން ބައެއް ކަހަލަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ބަލާ މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ހިމެނޭ ކަމަށާއި އަންނަ ހަފުތާގެ ކުރީކޮޅު ކޯޓަށް މައްސަލަ ހުށަހެޅޭ ވަރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދެން ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތު ޝަމީމް މިއަދު ހާމަނުކުރައްވައެވެ.
މަންޑޭގެ މައްޗަށް ކުރާ ދައުވާތައް އެހާ ގިނައީ، ޚިޔާނާތުގެ ތުހުމަތު ކުރެވޭ ކޮންމެ މައްސަލައެއްގައި ވަކިން ދައުވާ ކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ވެސް ކުރިއަށްގެންދާ ކަމަށާއި، އެ ތަހުގީގުތަކާއެކު ދައުވާ ވެސް އިތުރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަދަބު ވެސް ލިބެން ޖެހޭނީ ކޮންމެ އެއްޗަކަށް [ދައުވާއަކަށް] ވަކިން. އެއީ ވާގޮތަކީ އެހެންނޫނީ މި ބުނެވެނީ ކުށް ކުރަންޏާ ގިނައިން ކުރާށޭ، މިބުނީ ގިނައިން ކުރާ މީހަކަށް ވަކި ތަފާތެއް ނުގެންނަންޏާ ވައްކަން ކުރާ މީހަކަށް ފިސާރި ރަނގަޅަށް ވައްކަން ކުރާށޭތާ އެބުނެވެނީ، އެއީ ގާނޫނު މާނަ ކުރާ ގޮތެއް ނޫނެއްނުން. އެހެންވީމަ އަޅުގަނޑުމެން ކޮންމެ މައްސަލައަކަށް ކޮންމެ ހާދިސާއަކަށް ވަކިން މި ދައުވާ ކުރަނީ،" ޝަމީމް ވިދާޅުވިއެވެ.
މަންޑޭގެ މައްޗަށް ކުރަން ވިސްނާފައިވާ ދައުވާތަކުގެ ތެރޭގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި އޮޅުވާޅުމުގެ ކުށުގެ ދައުވާ އާއީ ޓެކުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ހިމެނޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ސާޅީސްއެއް އެޕާޓްމެންޓް ޖުމްލަ 107 މީހުންނަށް ވިއްކާފަ އެބަހުރި އެހެންވީމަ ހަމަގައިމުވެސް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކައިގެން ނޫނީ 41 އެޕާޓްމެންޓް 107 މީހުންނަށް ނުވިއްކޭނެ. އެހެންވީމަ އެ މަންޒަރު އަޅުގަނޑުމެންނަށް ތަހުގީގަށް މިހާތަނަށް ސާފުވެފައި އެބައޮވޭ،" ޝަމީމް ވިދާޅުވިއެވެ.
އޮޅުވާލައިގެން ކޭޕާކް ފްލެޓުތައް ވިއްކައި، ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި މަންޑޭ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ވެސް އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.