މި އަހަރުގެ ފުރަތަމަ 6 މަހު ސައިބާ ކުށުގު މައްސަލަ ދެ ގުނަ އިތުރު، ސަބަބަކީ ފަރުވާކުޑަވުމާއި ހޭލުންތެރިނުވުން: ކޮމިޝަނަރު

ފުލުހުންގެ ކޮމިޝަނަރު އަޙުމަދު މުޙައްމަދު: ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހުށަހެޅުނު ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް -- ފޮޓޯ: ފުލުހުން

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހުށަހެޅުނު ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށާއި ސަބަބަކީ އާންމުން ފަރުވާކުޑަވުމާއި ސައިބާ ކުށްތަކާ މެދު އަދިވެސް ހޭލުންތެރިވެފައިނުވާތީ ކަމަށް، ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގައި ވެސް އޮކްޓޯބަރު މަސް ފާހަގަކުރަނީ ސައިބާ ސެކިއުރިޓީއާ ގުޅޭ ގޮތުން މީހުން އަހުލުވެރިކުރާ މަހުގެ ގޮތުގައެވެ.

އެ މުނާސަބަތާ ގުޅުވައި ކޮމިޝަނަރު ދެއްވި މެސެޖެއްގައިވަނީ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ކިތަންމެ ފަސޭހަވި ނަމަވެސް، އިންޓަނެޓުގެ ޒަރިއްޔާއިން ކުރިމަތިވާ ނުރައްކާތައް ހަލުވި ދުވެއްޔެއްގައި ފެތުރިގެން ދާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާންމުންނާއި ވިޔަފާރިތަކާއި ދައުލަތުގެ އެކި މުއައްސަސާތައް ސައިބާ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ ހުރިހާ ކަމެއް ޑިޖިޓަލްވަމުން އަންނައިރު، މަކަރާއި ހީލަތުގެ މަޅީގައި އާންމުން ޖައްސައި، އޮންލައިން މާހައުލުގައި ކުށްކުރުމަށް ފުރުސަތުތައް ވެސް ފަހިވާ ކަމަށެވެ. އެކަންކަން ހުއްޓުވޭނީ އާންމުންނާއި މުއައްސަސާތަކުން ދުރާލާ ފިޔަވަޅު އަޅައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހިތާމައާއެކު ފާހަގަކުރަންޖެހޭ ހަގީގަތަކީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ގުނައަށް އިތުރުވެފައިވާ ކަމެވެ، މި މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތަކެވެ،" ކޮމިޝަނަރުގެ މެސެޖުގައިވެއެވެ.

އޭގެ އިތުރުން ކޮމިޝަނަރު ވަނީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން ސައްހަނޫން މެސެޖުތަކާއި މީޑިއާ އުފައްދައި އާންމުން މަޅީގައި ޖެއްސުމަށް ކުށްވެރިން މަސައްކަތްކުރަމުން އަންނަ ކަން ވެސް ފާހަގަކުރައްވައިފައެވެ.

"ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ނަޒަރު ހިންގާއިރު، މިއިން ކޮންމެ ކަމެއްގެ ވެސް ފާހަގަކުރެވެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލެވެ، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި ޒާތީ މައުލޫމާތާއި ވަން-ޓައިމް ޕާސްވޯޑް ފަދަ ސިއްރު ކޯޑުތައް އެހެން ފަރާތްތަކާ ހިއްސާކުރުމާއި، އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީ، މިފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކެވެ،" އެ މެސެޖުގައިވެއެވެ.

އޮންލައިން ކުށްތައް ހުއްޓުވުމަށާއި އެފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޒަމާނީ ވަސީލަތްތައް ހޯދައި ފުލުހުންގެ ގާބިލިއްޔަތު އިރުކުރުމާއި އާންމުން ހޭލުންތެރިކުރުވުމަށް އެކި ޕްރޮގުރާމުތައް މިހާރު ވެސް ހިންގަމުން އަންނަ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

އޮންލައިން މާހައުލުގެ ރައްކައުތެރިކަން ކަށަވަރުކުރެވޭނީ އާންމުންގެ ވެސް ޒިންމާ އެކުލެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރު ވަނީ އެކައުންޓުތަކުގައި ވަރުގަދަ ޕާސްވޯޑު ބޭނުންކުރުމަށާއި އޯޓީޕީ ފަދަ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ. ހަމަ އެއާއެކު ވިޔަފާރިތަކުން އައިޓީ ނިޒާމުތައް ބަރާބަރަށް އަދާހަމަކޮށް މުވައްޒަފުންނަށް އޮންލައިންގެ ނުރައްކާތަކަށް ލޯ ހުޅުވިފައިވާ ބަޔަކަށް ހެދުމަށް ވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

comment ކޮމެންޓް