މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކުރުމަށްފަހު، އޭނާގެ ދަރިންނަށް މެސެޖުކޮށް ބައްޕަ ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލު އަދަބު އިއްވާފައިވަނީ މާލެ، ގ. ބްލޫރިވާ، އާދަމް ރަޝީދުގެ މައްޗަށެވެ. ހަމަ މި މައްސަލައިގައި، އޭނާގެ ކޮއްކޮ، ގ. ބްލޫރިވާ ހުސެއިން ރަޝީދުގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ އަދި ނުނިމެއެވެ.
ކޯޓު ހުކުމުން އެނގޭ ގޮތުގައި، ހަތެއް ނޮވެމްބަރު 2023 ގައި އާދަމް ރަޝީދު ވަނީ ހއ. އިހަވަންދޫ މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައެވެ. އެއަށްފަހު، މެސެންޖަ މެދުވެރިކޮށް އޭނާގެ އަންހެން ދަރިއަކަށް މެސެޖުކޮށް 1,000 ރުފިޔާ އަދި ފިރިހެން ދަރިފުޅަށް މެސެޖުކޮށް 3,500 ރުފިޔާ ފޮނުވައިދިނުމަށް އެދިފައިވެއެވެ.
ފައިސާ ޖަމާކުރުމަށް ދީފައިވަނީ އާދަމް ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ޙުސައިން ރަޝީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓް ނަންބަރެކެވެ. މިއާއެކު ދެ ދަރީންގެ އެކައުންޓުން ޖުމްލަ 4,500 ރުފިޔާ އެ އެކައުންޓަށް ޖަމާކުރުމުން، އާދަމް ރަޝީދު ވަނީ ގާކޮށީގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއަކުން އެ ފައިސާ ނަގާފައެވެ.
ދައުލަތުން އާދަމް ރަޝީދުގެ މައްޗަށް އުފުލި "އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ" ކުށުގެ ދައުވާއަށް، ވަކީލަކު ނުލައި އިބްތިދާއީ މަރުހަލާގައި އޭނާ ވަނީ އަމިއްލަ އިޚްތިޔާރުގައި އިއުތިރާފުވެފައެވެ.
މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. ކުށަށް އިއުތިރާފުވުމުން އަދަބުގެ ދަރަޖަ ދަށްވި ނަމަވެސް، ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފޭރުމުގެ ކުށުގެ ސާބިތު ރެކޯޑެއް އޭނާގެ އޮތުމުން، ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ މަތިވެފައެވެ.
މިއާއެކު، ގާޒީ އިބްރާހީމް ޒިހުނީ މިދިޔަ ހަފްތާގައި އިއްވެވި ހުކުމުގައި އާދަމް ރަޝީދު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގައި ހިމެނޭ ޙުސައިން ރަޝީދުގެ ބައި ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވަނީ ނިންމާފައެވެ.