ރިތިކްގެ ފިލްމު 'ވޯ'ގެ ސީކުއަލްއަށް ދިގު އިންތިޒާރެއް

ފިލްމު "ވޯ2"ގެ ލީޑް ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރު

ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރު ލީޑު ރޯލު ކުޅޭ ފިލްމު "ވޯ2" ރިލީޒްކުރުން 2025 އަށް ތާވަލުކޮށްފިއެވެ.

ޒުވާން ޑައިރެކްޓަރު އަޔާން މުކަރުޖީ ޑައިރެކްޓަރުގެ ގޮނޑި ފުރާ މި ފިލްމަކީ، ރިތިކްގެ ފިލްމުތަކަށް ލޯބިކުރާ ގިނަ ފަރާތްތަކުން އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ. ރިތިކް ރޯޝަން މީގެ ކުރިން ކަބީރުގެ ކެރެކްޓާއިން ފެނުނު ފިލްމު "ވޯ"ގެ ސީކުއަލް "ވޯ2" ރިލީޒްކުރުމަށް ތާވަލުކުރެވިފައި ވަނީ 2025 ވަނަ އަހަރުގެ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށެވެ.

މި ފިލްމަކީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އުފައްދާނެ އެ ކުންފުނީގެ ހަވަނަ ފިލްމެވެ. ތެލުގޫ އެކްޓަރު ޖޫނިއާ އެންޓީއާރު ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމު "ވޯ2"ގެ ފުރަތަމަ ފްރެންޗައިސްއިން ރިތިކްއާ އެކު ފެނުނީ ޓައިގާ ޝްރޮފްއެވެ.

ފިލްމު "ވޯ2"އިން ޓައިގާ ފެންނާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް ޓައިގާ މި ފަހަރުގެ ފިލްމުން ނުފެންނާނެކަން ސްޕައި ޔުނިވާސްއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް އެކުލެވޭ "ވޯ2"ގެ ބައެއް މަންޒަރުތައް ރިތިކާއި ޖޫނިއާ އެންޓީއާރު ވަނީ ސްޕެއިންގައި ނަގައިފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން ބަތަލާ ކިއާރާ އަދުވާނީ ވެސް "ވޯ2"ގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ. ނަމަވެސް ޔަޝް ރާޖް ކުންފުނިން އެކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ދާދި ފަހުން ބަތަލާ އާލިއާ ބަޓް ޔަޝް ރާޖްގެ ސްޕައި ޔުނިވާސްއާ ގުޅުނުކަން އިއުލާނުކޮށްފައިވާއިރު "ވޯ2"ގެ ބަތަލާއަކީ ކާކުން އިއުލާނު ކުރަން އަދި ވަރަށް ވަގުތު ނަގާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބަތަލާ ޖާންވީ އަދި ތެލުގޫ އެކްޓަރު ޖޫނިއާ އެންޓީއާރް --

ރިތިކް ރޯޝަން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ"އިންނެވެ. ފިލްމު "ފައިޓާ"އިން ރިތިކްއާ އެކު އަނިލް ކަޕޫރު އަދި ބަތަލާ ދިޕިކާ ޕަދުކޯން މުހިއްމު ރޯލުން ފެންނާނެއެވެ.

ރިތިކާ އެކު "ވޯ2"އިން ބޮލީވުޑަށް ތަޢާރަފުވާ ޖޫނިއާ އެންޓީއާރުގެ ތެލުގޫ ފިލްމު "ދެވާރާ" އަންނަ އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. މި ފިލްމުން ބަތަލާ ޖާންވީ ކަޕޫރު އަދި ސައިފް ޢަލީ ޚާން މުހިއްމު ރޯލުން ފެންނާނެއިރު މިއީ ޖާންވީ ކަޕޫރުގެ ފުރަތަމަ ތެލުގޫ ފިލްމެވެ.

comment ކޮމެންޓް