އަނދުން ހުސައިން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފުލެޓު ލިސްޓު އޮޅުވައިލި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެކުލަވައިލުމުގައި ގޯސްކޮށް ކަންތައްތަކެއް ހިންގާފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯއްޗާއި ފުލެޓުތަކުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް މި ސަރުކާރަށް ގޮވައިލާ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަދައްކަވަމުން މެންބަރު ޝަހީމް ވަނީ ފުލެޓު ލިސްޓާ ގުޅޭ ގޮތުން އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި އެކަމުގައި އިސްކޮށް އުޅުއްވި ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައިފައެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަަޅައި ޕޮއިންޓް ދީފައިވަނީ ގަބޫލު ކުރެވޭ އުސޫލަކުން ނޫނެވެ. އެގޮތުން އޭނާގެ ދާއިރާގެ އެތައް ބައެއްގެ ފަރާތުން ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާކަން ފާހަގަކުރައްވާ ޝަހީމް ވަނީ އެ ފުލެޓު ލިސްޓު ސައްޙަ ނޫން ކަމަށް ތުހުމަތުތައް ކުރައްވައިފައެވެ.

"ގަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފުލެޓު ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓު ތެރޭގައި ފުލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" މެންބަރު ޝަހީމް ވިދާޅުވިއެވެ.

ހުޅުމާލެއިން ގޯތި ކަނޑައި ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން --

ޝަހީމް ވިދާޅުވީ ލިސްޓް ހެދީ ފްލެޓް ހޯދަން ހުށަހަޅާފައި ހުރި މައުލޫމާތުތަކުގެ ތެދު ދޮގު ބަލަން ވަގުތެއް ނެތް ކަމަށް ބުނެ އަވަސްކޮށްލައިގެން ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ފަސް އަހަރުގެ ދައުރެއް ލިބުނު އިރު އެންމެ ފަހު ވަގުތާ ޖެހެންދެން އެކަންނުކޮށް މަޑުކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކުރީ ސަރުކާރަށް ވަނީ ތުހުމަތުތައް ކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ އޭނާ ނިސްބަތްވާ ޕާޓީގެ (އެމްޑީޕީ) ސަރުކާރެއްގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމުގައި ކަމެއް ކަމުގައި ވީ ނަމަވެސް، އެކަން ކޮށްފައި ވަނީ ރަނގަޅަށް ބަލާފައި ނޫން ކަމަށެވެ. އަދި، އެކަމާ މެދެ ކަންބޮޑުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވަނީ ފުލެޓު ލިބެން ޖެހޭ ހައްގުވެރިންނަށް އެ ފުލެޓުތައް ލިބޭތޯ އަލުން ޗެކުކޮށްދިނުމަށް މި ސަރުކާރަށް ގޮވާލައިފައެވެ.

https://sun.mv/185338

މިއަދުގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުއްލި މައްސަލައެއް ހުށަހެޅީ ކުރީ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފުލެޓުތަކާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތަށް މި ސަރުކާރުން މައުލޫމާތު ދެމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެގޮތުން އެކަމާ ގުޅޭ ސަރުކާރުގެ ހަގީގީ ސިޔާސަތު ހާމަކޮށް ބޯހިޔާވަހިކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރަން ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް