އިންޑިއާގައި ހުންނަ އަފްޣާނިސްތާނު އެމްބަސީ ބަންދުކޮށްފި

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ހުންނަ އަފްޣަނިސްތާނު އެމްބަސީ. ފޮޓޯ/ރެޑިފް.ކޮމް

އިންޑިއާގައި ހުންނަ އަފްޣާނިސްތާނު އެމްބަސީ ދާއިމީކޮށް ބަންދުކޮށްފިއެވެ.

ދަ ނޭޝަނަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުން އެމްބަސީ ބަންދުކޮށްފައި ވަނީ ދިމާވަމުންދާ ގޮންޖެހުންތަކަކާހެދިއެވެ.

އެމްބަސީ ބަންދުކުރިކަން އަފްޣާނިސްތާނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އިއުލާނުކޮށްފައިވާއިރު، އިންޑިއާއިން އެމްބަސީއަށް އެއްބާރުލުން ނުދޭކަމަށާއި 2021 ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާންގައި ވެރިކަން ކުރަން ފެށި ފަހުން ދެ ގައުމުން ވެފައިވާ އެއްބަސްވުންތަކަށް އެކަށީގެންވާ ގޮތުގައި ބެލިފައި ނުވާ ކަމަށް އަފްޣާނިސްތާނުން މިދިޔަ ސެޕްޓެމްބަރު މަހު އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

މި މަހުގެ 23 ން ފެށިގެން އެމްބަސީ ބަންދުކޮށްފައިވާ ކަމަށާއި މި ނިންމުމަކީ ސެޕްޓެމްބަރު 30 ވަނަ ދުވަހުން ފެށިގެން އެމްބަސީގެ މަސައްކަތްތައް ހުއްޓާލާފައި އޮތް އޮތުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އޭރު އެމްބަސީގެ މަސައްކަތްތައް ހުއްޓާލާފައި ވަނީ އިންޑިއާ ސަރުކާރުން އަފްޣާނިސްތާނުގެ އެމްބަސީއަށް އެކަށީގެންވާ އެއްބާރުލުމެއް ދީ ކަންކަންކުރުމުގައި ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދުގައި ކަމަށްވެސް އަފްޣާނިސްތާނުގެ އެމްބަސީން ނެރުނު ބަޔާނުގައިވެއެވެ.

އެމްބަސީ ހިންގަމުން ދިޔައީ އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުން އައްޔަންކުރި ޑިޕްލޮމެޓުންނެވެ. ކާބުލްގެ ވެރިކަން ތާލިބާނުން ކުރަންފެށީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.

އަފްޣާނިސްތާނުގައި މީގެ ކުރިން ވެރިކަން ކުރަމުން އައި އަޝްރަފް ޣަނީގެ ސަރުކާރުން އައްޔަން ކުރެއްވި ސަފީރު ފަރީދު މާމުންދްޒޭ ލަންޑަނުގައި ހުންނަވާތާ އެތައް މަހެއް ވެފައިވާއިރު، އެހެން ގިނަ ޑިޕްލޮމެޓުން އެހެން ގައުމުތަކަށް ގޮސްފައިވާ ކަމަށް އެމްބަސީން ބުނެއެވެ. އެގޮތުން ޑިޕްލޮމެޓުން ތިބީ އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ހިމާޔަތް ހޯދާއިގެން ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނިއުދިއްލީގައި ތިބި މީހުންނަކީ ތާލިބާނުންނާ ގުޅިފައިވާ ބައެއް ކަމަށް އެމްބަސީން ބުނެއެވެ.

އިންޑިއާ ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަދި ޠާލިބާނުން ބަލައިގަނެފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުން ކުރަން ފެށުމާއެކު، އަގްޣާނިސްތާނުގައި ހުންނަ އިންޑިއާގެ އެމްބެސެޑަރާއި، އިތުރު 120 ޑިޕްލޮމެޓުން އިންޑިއާއިން ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. އޭގެފަހުން އިންޑިއާއިން ކާބުލްގައި ހުންނަ އެމްބަސީ އަލުން ހުޅުވީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

comment ކޮމެންޓް