ޒަމީރު، އިންޑިއާއަށް: ނައިބުންގެ އަމަލުތައް ގޯސް، ތަކުރާރު ނުވާނެކަން ޔަގީންކުރަން

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލު ކުރެއްވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ނައިބު ވަޒީރުންތަކެއް ވާހަކަދެއްކެވުން ގޯސްކަމަށް ވިދާޅުވެ، އެފަދަ އަމަލުތައް ތަކުރާރު ނުވާނެކަން ޔަގީންކުރުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަދައްކަވައިފައެވެ.

އެ މައްސަލައިގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް އޮތްއިރު، ޒަމީރު ގެންދަވަނީ އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އޭއެންއައި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ ތިން ނައިބު ވަޒީރުން ދެއްކެވި ވާހަކައަކީ ސަރުކާރުގެ ވިސްނުމާ ގުޅުން ހުރި ވާހަކައެއް ނޫން ކަމަށެވެ.

"އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެކަން ތަކުރާރު ނުވާނެކަން ޔަގީންކުރުމަށް އަޅުގަނޑުމެން އަންނަނީ އެކަށީގެންވާ ފިޔަވަޅު އަޅަމުން،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެ މައްސަލައިގައި ދެގައުމުގައި ވެސް ބައެއް ކަންތައްތަކާ ގުޅޭ ގޮތުން އޮޅުންއަރާފައި އޮތް ކަމަށާއި ނަމަވެސް ކަން ހިނގާދިޔަ ގޮތް ދެ ގައުމުގެ ސަރުކާރަށް ވެސް ވިސްނި އެކަމުން އަރައިގެންފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އިންޑިއާއާއި މޯދީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކައާ ގުޅިގެން ތިން ނައިބު ވަޒީރުން ޖެނުއަރީ ހަތެއްގައި ސަސްޕެންޑުކޮށް، އަދިވެސް އެ ބޭފުޅުން ތިއްބެވީ ސަސްޕެންޝަންގައެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖެއަށް އިންޑިއާއިން ފަތުރުވެރިން ނުދިޔުމަށް ގޮވާލައި އެގައުމުގެ މަޝްހޫރު ޝަހުސިއްޔަތުތައް ބައިވެރިވެގެން ކެމްޕެއިނެއް ކުރިއަށްގެންދިޔައެވެ. އޭގެ ފަހުން އިންޑިއާ ފަތުރުވެރިން މަދުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެކަމާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވީ ފާއިތުވި މަސްތަކުގައި އިންޑިއާ މާކެޓު 16-17 ޕަސެންޓް އިތުރުވި ނަމަވެސް ފަހުން ދަށްވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކައިިރ މުސްތަގުބަލެއްގައި އެގައުމުގެ ފަތުރުވެރިން އިތުރުވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހަށް ވުރެ 42 އިންސައްތަ ދަށްވެއްޖެއެވެ.

https://sun.mv/191632

މި އަހަރު ފެށުނުއިރު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ މިއަހަރު އޮތީ ލިސްޓުގެ ހަވަނައިގައެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހަށް ވުރެ 42 އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.

https://sun.mv/187084

ނައިބު ވަޒީރުންގެ މައްސަލައާ ގުޅިގެން، އެ ތިން ބޭފުޅުންގެ އިތުުރުން ސަރުކާރަށް ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ.

comment ކޮމެންޓް