ރަސްމީ ދަތުރުފުޅެއްގައި ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި

މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގިނަދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް --

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގިނަދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅާ ގުޅިގެން ޒަމީރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާ ކަމަށެވެ.

އިންޑިއާގެ ނިއު ދިއްލީއަށް މިނިސްޓަރު ވަޑައިގަންނަވާއިރު، މިއީ މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޒަމީރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުގެ ޚާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރު އިންޑިއާއަށް ވަޑައިގަންނަވަނީ، މި ސަރުކާރުގައި ތިން ޑެޕިއުޓީ މިނިސްޓަރަކު އެގައުމާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަދެއްކުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައި އޮންނަތާ ދުވަސްތަކެއްވީ ފަހުންނެވެ.

https://sun.mv/191632

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި މީގެ ކުރިން އޮތް އިންޑިއާއިން މި އަހަރު އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ ވަރަށް މަދުވެފައެވެ.

comment ކޮމެންޓް