ހުޅުމާލޭގައި ހިނގި އެކްސިޑެންޓު: ކާރު ދުއްވި މީހާގެ ބަންދަށް 7 ދުވަސް

މިދިޔަ ހޯމަ ދުވަހުގެ ރޭ، ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

އެ ރޭގެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި، ކާރު ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓް ހިނގި ރޭ ހައްޔަރުކޮށްފައެވެ. ކާރު ދުއްވަން އިނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.

މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ އިރު، މީގެ ތެރެއިން ދެ މީހަކަށް ވަނީ ބޮޑަށް އަނިޔާވެ، އެކަކަށް އައިސީޔޫގައި އަދި އަނެއް މީހާއަށް އެޗްޑީޔޫގައި ފަރުވާ ދެމުންދާ ކަމަށް އޭޑީކޭއިން މީގެ ކުރިން ވަނީ ބުނެފައެވެ. ދެން އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ ސައިކަލުތަކުގައި ޖެހިގެން ކަމަށް މަންޒަރު ދުށް މީހަކު ވަނީ 'ސަން'އަށް މައުލޫމާތު ދީފައެވެ.

މާލެ ސަރަހައްދުގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް