އެމްއެންޕީއަށް މަޖިލީހުގައި ތަމްސީލު ނުވެވޭނެ ކަމަށް ނިންމީ ގޯސްކޮށް: ރިޔާޒު

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް-- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީއަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ރިޔާސަތުން ނިންމި ނިންމުން ގޯސް ކަމަށް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

އުޝާމް އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ބަންޑާރަ ނައިބުކަމުގެ މަގާމު ލިބިވަޑައިގަތުމުންނެވެ.

މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރައްވާ ދެން ތިއްބަ ވާނީ ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާއާ ހަވާލާދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހަށް އިންތިޚާބުވުމަށް ފަހު، ޕާޓީއެއް ތަމްސީލުކުރަން ތިބި މެންބަރުންގެ އަދަދު އެއްވެސް އިރެއްގައި ތިނަކަށް ވުރެ ދަށް ވެއްޖެނަމަ ޕާޓީ ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.

https://sun.mv/185000

އެކަމާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާޒު ވިދާޅުވީ، އެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށެވެ.

"އެ އިއުލާނުކުރައްވާފައި ވަނީ މަޖިލީހުގެ ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާ ޚިލާފަށް،" ރިޔާޒު ވިދާޅުވިއެވެ.

"ސޯޅަވަނަ މާއްދާގައި ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އެބަ ބުނޭ. ސަތާރަވަނަ މާއްދާގައި އެއްވެސް މީހަކާ މެދު ސިޔާސީ ގޮތުން ވެސް އަދި އެ ނޫން ގޮތަކުން ވެސް ތަފާތު ކޮށްގެން ނުވާނެ ކަމަށް އެބަ ބުނޭ. ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީ ހިންގާ ހަރަކާތްތެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް،"

ރިޔާޒު ވިދާޅުވީ ރިޔާސަތުން ނިންމި ނިންމުމަކީ ގަވާއިދާ ޚިލާފަށް ހަދާފައި އޮތް ގާނޫނަކުން ނިންމި ނިންމުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭނާއަކީ އެމްއެންޕީގެ މެންބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ކަމަށާއި މަޖިލީހުން ގަބޫލު ނުކުރަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެ ނިޒާމީ ނުކުތާ މަޖިލިހުގެ ރިޔާސަތުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.

އެމްއެންޕީ އުފައްދައި މަޖިލީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ތަމްސީލް ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ތިން މެންބަރުން ތިއްބެވުމުންނެވެ.

ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް އެމްއެންޕީން، އެ ޕާޓީގެ ރައީސް ނާޒިމް ވާދަކުރެއްވިއެވެ. އެކަމަކު، ފުރަތަމަ ބުރުގައި ނާޒިމަށް ލިބުނީ 1,907 ވޯޓެވެ. އެހެންވެ، ދެވަނަ ބުރުގައި އެމްއެންޕީން ވަނީ އެއްވެސް ޝަރުތަކައިނުލާ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދައިފައެވެ.

comment ކޮމެންޓް