މޭޔަރުކަމުގައި އެޅުއްވި ފާލަންހާ ވެރިކަން ވަރުގަދަވާނެ؟

ޑރ. މުއިއްޒު ބްލޫމްބާގަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ/ ބްލޫމްބާގް، ޖަސްޓިސް ސޮލޮމަން

ސިޔާސީ ދަތުރުގައި އެކެއްގެ އެންމެ ވަފާތެރި ބައިވެރިއަކީ ބާރުވެރިކަމެވެ. އެ ނޫން ހުރިހާ އެކުވެރިންނަކީ އެ ބާރުވެރިކަން ނެތި ދިޔައީމާ ބޭވަފާތެރިވާނެ މީހުންނެވެ. އެއީ، ސިޔާސީ ކުޅީގެ ހިތި ހަގީގަތެވެ. ސިޔާސީ ކާމިޔާބީއާ ގުޅިފައި އޮންނަނީ ޝައްކުނުހިނގާ މިންވަރަށް ބާރުވެރިކަމާއި ނުފޫޒެވެ.

ހުކުރު ދުވަހު ހުވާ ކުރެއްވި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވަފެން އަލަށް ވެސް ދެކެވަޑައިގަތީ ރިޔާސީ އިންތިޚާބު ބޯމަތިވެ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެއްވޭނެކަމުގެ ކުލަމަތި ދައްކައިލި ހިސާބުން ކަމަށް ހީކުރާނީ ސިޔާސީ މަސައްކަތުގައި އަބަދަށް ވެސް ގަމާރެކެވެ. އެއީ، ސިޔާސީ ކުޅި ކުޅޭ ގޮތެއް ވެސް ނޫނެވެ.

ސިޔާސީ މަސައްކަތަކީ ބާރުވެރިކަން ހޯދުމެވެ. ދެން އެ ބާރުވެރިކަން ދެމެހެއްޓުމެވެ.

ވަފާތެރިންނާއި އެކުވެރިންނާއި ސިޔާސީ ލޯތްބާއި ކާމިޔާބާއި އަދި ހެޔޮ އެދޭ ސަޕޯޓަރުންގެ ވަފާތެރިކަމާ ވެސް ގުޅިފައި އޮންނަނީ ބާރުވެރިކަމެވެ. ސިޔާސީ ބާރެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ދަތުރު ފެއްޓެވީ އެ ހަގީގަތް ގަބޫލުކުރައްވައިގެންނެވެ. ފޮނި ކާމިޔާބީގައި ހުކުރު ދުވަހު ވެރިކަމުގެ ހުވާ ކުރެއްވީ އެހެންވެއެވެ. އެއީ، ދަތި އުނދަގުލުގެ ތެރެއިން ހިމޭންކަމުގައި ހުންނަވައިގެން ނެންގެވި ބިޔަ ފިޔަވަޅެކެވެ. ހިމޭން ދަތުރެކެވެ.

މޭޔަރުކަމުން ވެރިކަމަށް އެޅި ފާލަން

އޭރު 2018 ގައި ގަދަފަދަ ޔާމީނަށް އިންތިޚާބު ކާމިޔާބުނުވުމުން އޭރު ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބޭބޭފުޅުން ކޮޅުމަތި ބަލައި ދެން އިށީންނާނެ ގަލެއް ހޯދަން ފެށިއެވެ. އޭރު ކެބިނެޓުގައި ތިއްބެވި އެންމެ ވަރުގަދަ ވަޒީރުން ޖެހިގެން އައި 2019 ވަނަ އަހަރުގެ 19 ވަނަ މަޖިލީހަށް ވާދަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބުރުގައި ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުވީ މަދު ގޮނޑިއެއް ކާމިޔާބުވީ އޭގެން ހައެއްކަ ބޭފުޅުންނަށެވެ. އެކަމަކު، ޔާމީން އިރުގެ ހައުސިން މިނިސްޓަރު މުއިއްޒު ހުންނެވީ ހިމޭންކޮށެވެ. މަޖިލީހަށް ވާދަ ނުކުރައްވައި، މާލޭގެ މޭޔަރުކަމަށް ނުކުންނެވަން މުއިއްޒު ނިންމެވުން ބައެއް މީހުންނަށް ހައިރާންކަން ގެނުވި ނިންމުމެކެވެ. އެކަމަކު، ހަގީގަތުގައި މޭޔަރުކަމަށް ވަޑައިގެން އެ މަނިކުފާނު އެޅުއްވީ ފާލަމެކެވެ. އެއީ، ޕީޕީއެމް/ޕީއެންސީގައި އެ މަނިކުފާނުގެ ސިޔާސީ ބާރުވެރިކަން ހިތްޕައިލަން އެޅުއްވި ފާލަމެކެވެ.

މިހާރު ރައީސްކަމުގައި ހުންނެވި މުއިއްޒުގެ މޭޔަރުކަމުގައި މުޅިން އަލަށް ސިޓީ ކައުންސިލުގައި 365 ވަޒީފާ އުފެއްދެވިއެވެ. އަދި، ބޮޑު މުސާރައެއްގައި 13 ކޮންސަލްޓެންޓުން ނެންގެވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕް --- ފޮޓޯ: ޕީޕީއެމް

ދެން އަނެއްކާ ވެސް އެއީ ހުސް އެކަނި ވަޒީފާތަކެއް ކަމަށް ދެކޭނީ މޮޔައެކެވެ. އެއީ، ސިޔާސީ ގޮތުން މުއިއްޒު ފައްކާ ކުރި ބާރުވެރިކަމެވެ. ޕާޓީން ބޭރު ނުކުރެވޭ މިންވަރަށް ވަކި ހިތްޕައިލި ހިސާބެވެ. ސިޓީ ކައުންސިލުގެ ވަޒީފާތަކަށް ނެގީ ޕީޕީއެމް އޮފީހަށް ގޮސް އުޅޭ ޕާޓީ ކުދިންނެވެ.

އެމްޑީޕީ ވެރިކަމެއް ތެރެއިން ޕީޕީއެމަށް ހޯދައިދިން ވަޒީފާތަކަކުން ހޯއްދެވި ބާރެކެވެ.

https://sun.mv/180940

ސިޓީ ކައުންސިލްގެ ބާރާ އެކު، ރިޔާސީ ޓިކެޓަށް ރައީސް މުއިއްޒު އޭރު މަސައްކަތް ކުރެއްވިކަން ޔާމީނަށް ރޭކާލައިގެން ނުކުންނަވައި ފުރަތަމަ ހަމަލާއެއް ދެއްވީ ޖަލު ގޮޅީގައި އޮންނަވައިގެންނެވެ. އެ ހަމަލާ އަމާޒުވީ މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަދި އޭރު ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒަށެވެ.

ޖަލުގައި އޮންނަވާފައި ޔާމީން ސީދާ ނޯޓެއް ފޮނުއްވިއެވެ. އަދި، ޕީޕީއެމްގެ ރިޔާސީ ޓިކެޓު މުއިއްޒަށް ހޯދައިދޭން އުޅޭ ކަމަށް ތުހުމަތުކޮށް ރަމީޒުގެ މައްސަލަ ބަލަން ސުލޫކީ ކޮމިޓީގައި އެދުނެވެ.

https://sun.mv/176232

ތެޅިގަނެގެން މައްސަލަ ބަލަބަލައި އޮއްވައި، ރަމީޒު ޕީޕީއެމުން ވަކިވީ އަމިއްލަފުޅަށެވެ. އެކަމަކު، އެއީ ސިޓީ ކައުންސިލުން މުލިއާގެއަށް ފައްކާކުރަމުން ދިޔަ ފާލަމުގެ ނިމުމެއް ކަމަށް ޔާމީނަށް ހީފުޅު ކުރެއްވުނު ނަމަ އެއީ ހާދަހާ ބޮޑު ގޯހެއްކަން މިއަދު އެނގިވަޑައިގަންނަވާނެއެވެ.

ފަލި ޖެއްސެވީ މުޅި ލީޑާޝިޕުގެ އޮއެވަރާ ދެކޮޅަށް

މިދިޔަ ސަރުކާރު އެއްކޮށްހެން ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެން ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން ހަގީގަތުގައި ވެސް ޔާމީނަށް ވަރަށް ވަފާތެރިއެވެ. ޓިކެޓަށް މަސައްކަތް ކުރައްވާކަމުގެ އަޑުތައް އެރުމާ އެކު ޕާޓީ ތެރެއިން ވެސް ރައީސް މުއިއްޒަށް އިންތިހާ ގޮންޖެހުން ކުރިމަތިވިއެވެ. އެ މަނިކުފާނަށް ޖެހިވަޑައިގަތީ މުޅި ލީޑާޝިޕްގެ އޮއެވަރާ ދެކޮޅަށް ފަލި ޖައްސަވާށެވެ.

އެ އަރައިރުމެއްގެ ތެރެއިން ދުވަސްތައް ދަނިކޮށް، އިންތިޚާބު ބޯމަތިވީއިރު ޔާމީނަށް ފުރުސަތެއް ލިބިދާނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ދިޔައީ ނިވެމުންނެވެ. އެ ހުޅުކޮޅު ނިވޭ ވަރަކަށް، ރައީސަކަށް މުއިއްޒު ވެވަޑައިގެންފާނެކަމުގެ ބިރު ބޮޑުވެއެވެ. ދެން ހަމަ ބޮޑުވެލާއިރަށް ލީޑާޝިޕުން ނުކުމެ ތަސްބީހައެއްހެން ޔާމީނަށް އޮތް ވަފާތެރިކަން ބުނެދެމުން ދިޔައެވެ.

https://sun.mv/176276

މާ ބޮޑަށް ރައީސް މުއިއްޒުގެ ބިރު ބޮޑުވުމުން، ޔާމީނަށް އޮތް ވަފާތެރިކަން ވިދާޅުވާން މަޖުބޫރުކޮށް ޕީޕީއެމްގެ ޗެނަލަށް ބަޔާނެއް ވެސް ދޭން ޖެހިވަޑައިގަތެވެ. އެއްވެސް ޖެހިލުމެއް ނެތި އެ ކަން ވެސް އެ މަނިކުފާނު ކުރެއްވިއެވެ.

އެކަމަކު، އަޑިއަޑިން ލީޑާޝިޕްގެ އޮއެވަރާ ދެކޮޅަށް ވެރިކަމާ ދިމާލަށް ޖައްސަވަމުން ގެންދެވި ފަލި އެންމެ ފަހަރަކު ވެސް ހިނދުކޮޅަކަށް ވެސް ހުއްޓަވައެއް ނުލައްވައެވެ.

ވ. އާރަށް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، ދަށު ކޯޓުން ކުރީ އަހަރުގެ ޑިސެމްބަރު 25 ގައި އިއްވި ޖަލު ހުކުމުގެ ސަބަބުން ޔާމީނަށް ވާދަނުކުރެވިދާނެ ކަމުގެ ބިރު ބޮޑުވުމުން އިތުރު ގޮތެއް ނެތި ޕީއެންސީގެ ޕްރައިމަރީއަކަށް ހުޅުވައިލަން ޔާމީނަށް މަޖުބޫރުވިއެވެ. ޕްރައިމަރީގައި ޔާމީން އުންމީދު ކުރައްވައިގެން ހުންނެވި ނަތީޖާ ވަރަށް ސާފެވެ.

ސެނެޓުގައި ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ އާ ރައީސް މުއިއްޒާއި މި ސަރުކާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އަދި އޭރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މުއިއްޒު ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވީ އެންމެ ދެ ވޯޓުގެ ތަފާތުންނެވެ.

އެކަމަކު، އެ ހިސާބުން ނިމުނީއަކީ ނޫނެވެ. އޭރު ޔާމީންގެ ކެންޑިޑެސީ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. ހުކުމެއް އަދި ނުކުރެއެވެ.

ޔާމީންގެ މައްސަލައިގައި ހުކުމް ކުރުމުގެ މަޖިލީހަށް ވަންނަން ޕީޕީއެމްގެ އިސްވެރިން ސަފު ހައްދަވައިގެން ތިއްބެވިއިރު ރައީސް މުއިއްޒު ހުންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ އެކު އެއް ފަރާތުގައެވެ. މުޅި ލީޑާޝިޕުން މުއިއްޒު ފެނުން ކަމަށް ވެސް ނުހެދިއެވެ. ޝަރީއަތުގައި މަޖިލީހުގައި ވެސް ރައީސް މުއިއްޒާއި ލީޑާޝިޕް ތިއްބެވީ ވަކިންނެވެ. ޔާމީންގެ ކުރިފުޅުމަތީގައި އެ މަނިކުފާނަށް އޮތް ވަފާތެރިކަން ދައްކަވަން ކަންނޭނގެއެވެ.

އެ ދުވަހު އިރުއޮއްސެން ދަނިކޮށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެކަމަކު، އެ ހިސާބުން އެނބުރި ޖަލަށް ވަޑައިގަތީ އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވައި ނޯޓު ކޮޅެއް ހަވާލު ކުރައްވައިފައެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެހެން ފަހަރުތަކާ ހިލާފަށް މި ނޯޓު ލިބުމާ އެކު ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މުޅި ޕީޕީއެމް/ޕީއެންސީގެ ސެނެޓު އެއްކުރަން އޭރު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް އެންގެވިއެވެ. އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އަންގަވައިފިކަން ޖަމީލު އިއުލާނު ކުރެއްވީ އެންމެންގެ ކުރިމަތީގައެވެ. ޖަޒުބާތުގައި އެ އެންމެން ތިބީ ވެސް އެ ގޮތުގައި ކުރިއަށް ދާށެވެ.

އެކަމަކު، ގިނައިރުތަކެއް ވަންދެން މަޝްވަރާކޮށް، އެތައް ފަހަރަކު އަރައިރުން ބޮޑުވެ މެދު ކަނޑަކަނޑައިގެން ވެސް ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ފެނުނީ މުއިއްޒާ އެކު ކުރިއަށް ދާށެވެ. ޕާޓީ މަގުމަތިކޮށްލުމަކީ އޮތް ގޮތެއް ކަމަށް ނުދެކެއެވެ.

ލީޑާޝިޕްގެ އޮއެވަރާ ދެކޮޅަށް މުއިއްޒު ޖެއްސެވި ފަލީގައި އަދުރޭ ހިތްޕެވި ހިސާބަކީ އެއީ ކަމަށް ބުނެވިދާނެއެވެ. އެ ދުވަހު، ބޮއިކޮޓުނުކޮށް ރައީސް މުއިއްޒާ އެކު ކުރިއަށްދާން ނިންމީ ސީދާ އަދުރޭގެ މޭސްތެރިކަމުގެ ދަށުގައެވެ.

ޖެހިގެން އައި ދުވަހު ކެންޑިޑެސީ ހުށަހަޅަން ދިޔައީ ވެސް ޔާމީންގެ ރުހުން ނުލިބެނީހެވެ. އެކަމަކު، ސެނެޓުގެ ރުހުން ހޯދައިފައެވެ. ލީޑާޝިޕްގެ ބޭފުޅަކު ކެންޑިޑެސީ ހުށަހެޅި ތަނަށް ވެސް ވަޑައެއްނުގަތެވެ. އެހެން ވިޔަސް، އިތުރު ގޮތެއް ނެތި އެ ހިސާބުން ޔާމީން ދޫދެއްވައިފިއެވެ. މަޑުމަޑުން ލީޑާޝިޕް ވެސް ރައީސް މުއިއްޒުގެ ފަހަތްޕުޅަށް އެރުއްވީ އެ ހިސާބުންނެވެ.

ސިޓީ ކައުންސިލުން ވެރިކަމަށް ރައީސް މުއިއްޒު ކުރެއްވި ހިމޭން ދަތުރެކެވެ. މަޑުމަޑުން ނެންގެވީ ބިޔަ ފިޔަވަޅުތަކެކެވެ. ވެރިކަމަށް ކުރެއްވި ދަތުރު ކާމިޔާބެވެ. ނަތީޖާ ނެރުއްވައިފިއެވެ. ކުރިމަތީ އޮތް ސުވާލަކީ ވެރިކަމުގައި ވެސް ނަތީޖާ ނެރުއްވޭނެތޯއެވެ.

މޭޔަރުކަމުގައި ވެރިކަމަށް އެޅުއްވި ފާލަންހާ މި ވެރިކަން ވަރުގަދަ ވެއްޖިއްޔާ ރައްޔިތުންނަށް ކިތަންމެހާ ވެސް ރަނގަޅެވެ.

comment ކޮމެންޓް