އެމްޑަބްލިއުއެސްސީން ފަލަސްތީނަށް ބައި މިލިއަން ރުފިޔާ ދީފި

އެމްޑަބްލިއުއެސްސީން ފަލަސްތީނަށް ހަދިޔާ ކުރި ފައިސާގެ އެހީ-- ފޮޓޯ/

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވާ ފަންޑަށް، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޑަބްލިޔުއެސްސީއިން ބައި މިލިއަން ރުފިޔާ މިއަދު ހަދިޔާ ކޮށްފިއެވެ.

މިއަދު އޮތް ހަފުލާއެއްގައި އެ ފައިސާ ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއެވެ.

އެ ކުންފުނިން ބުނިގޮތުގައި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި 500،000 ރުފިޔާ ހަދިޔާ ކުރީ އެ ގައުމުގެ ރައްޔިތުންނާއެކު އެ ކުންފުނި އޮތްކަން ރަމްޒުކޮށްދިނުމަށް ޓަކައި ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ފަލަސްތީނަށް ދާއިމީ ސުލްހައެއް ހޯދުމަށް އެހީތެރިވެދޭން ތައްޔާރަަށް ތިބި ކަމަށެވެ.

ކުރިއަށް މިދާ އިންސާނީ ކާރިސާގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ރާއްޖޭގެ ގިނަ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން، އެކި އެކި ވިޔާފާރި ތަކުންނާއި ކުންފުނި ތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ވެސް ފަލަސްތީނަށް އެހީ ވުމަށް އެކި ކަހަލަ ހަރަކާތްތަށް އަންނަނީ ހިންގަމުންނެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކުން މިހާތަނަށް ވަނީ 11،000 ވުރެއް ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި 27،000 ވުރެއް ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.

މި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން މިހާރު ވެސް ކުށެއްނެތް އާންމުންގެ ފުރާނަ ގެއްލި، ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އެހީދޭ ތަންތަނާއި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތައް ފަދަ މުހިންމު އިމާރާތްތައް ވަނީ ހަލާކުވެފައެވެ.

comment ކޮމެންޓް