ގެތަކުގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުން -- ފޮޓޯ/ ޕީއެންސީ

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޢާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ލުޔެއް ދިނުމުގެ ގޮތުން،ކަރަންޓު ބިލާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމަވައި އެކަން ކަމޭބެހޭ ކުންފުނިތަކަށް އަންގަވައިފައިވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ނުދެއްކި ހުރި ފައިސާ ލުއި ގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހަކު ވެސް ކަރަންޓުގެ އިތުރުން ފެން ބިލް ބޮޑުވުމަކީ އާންމު މައްސަލައެކެވެ. ނަމަވެސް މިފަހަރު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ނިންމާފައި ވާކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިމަހުގެ ހަތަރެއްގައި ރައީސް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާތައް ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް ކޮށްފައިވާ ކަމަށާއި އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށެވެ.

އޭގެ ފަހުން މިދިޔަ ހަފުތާގައި ސްޓެލްކޯއިން ވަނީ މި ދުވަސްވަރު ރޯދަ މަހާއި އެންމެ ހޫނު ދުވަސްވަރާ ދިމާކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ ކަރަންޓު ޚަރަދު ކުޑަ ކުރުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް