މެންބަރުން ''މާރާމާރީ'' ހިންގި ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލައިފި

މިއަދުގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި، އިރުއިރުކޮޅާ ވަނީ މެދުކަނޑާލަން ޖެހިފަ --

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ''މާރާމާރީ'' ހިންގާފައިވާ ކަމަށް ވިދާޅުވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާ މެދުކަނޑާލައްވައިފިއެވެ.

މިއަދު މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރިއެވެ. އެއީ ބަޖެޓު ހުށަހެޅުމާއި ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ.

މަޖިލީހުގެ ކޯރަމް ހަމަނުވާތީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ކުރިއަށް ނުގެންދެވުނެވެ. އަދި ނަޝީދުގެ ގަރާރު އެޖެންޑާ ކުރި ޖަލްސާ ފެއްޓުމާއެކު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން އަޑުގަދަ ކުރުމުން ޖަލްސާ ދެ ފަހަރު ވަނީ މެދުކަނޑާލާފައެވެ.

އެމްޑީޕީ މެންބަރުން ގޮވާލަމުން ދިޔައީ ގަރާރުގެ މަސައްކަތަށް ތަންދިނުމަށް އީވާ ރިޔާސަތުން ފައިބައިވަޑައިގަތުމަށެވެ. ޑިމޮކްރެޓްސް ގޮވާލަމުން ދިޔައީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހާޒިރުކޮށް، ބަޖެޓުގެ މަސައްކަތް ކުރުމަށެވެ.

ތިން ވަނަ ފަހަރަށް ޖަލްސާ ފަށައި، އީވާ ވިދާޅުވީ ޖަލްސާ ކުރިއަށް ނުގެންދެވުނީ އެމްޑީޕީއާއި އެކަމަނާ ވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ވެސް ސަބަބުން ކަމަށެވެ.

ޖަލްސާގައި މެންބަރުން އަޑުގަދަ ކުރަމުން ދިޔުމުން އީވާ ބައެއް މެންބަރުންނަށް ނިޒާމީ މައްސަލަ ފާހަގަ ކުރެއްވުމުގެ ފުރުސަތު ދެއްވިއެވެ. އެގޮތަށް މަސައްކަތްތައް ނުކުރެވި ދަނިކޮށް، ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުން ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބްގެ ނަން އީވާ އިއްވެވިއެވެ.

ނަމަވެސް ތަޅުން ދޫކުރައްވާ ވަޑައިގަންނަވަން އިލްޔާސް ދެކޮޅު ހެއްދެވުމުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ، އިލްޔާސްގެ އަތުގައި ހިފައި ދަމާ ތަޅުލުމުން ބޭރު ކުރަން މަސައްކަތް ކުރެއްވި މަންޒަރު މަޖިލިސް ލައިވް އިން ފެނިފައިވެއެވެ.

އެއާއެކު އީވާ ވިދާޅުވީ އީސަ މާރާމާރީ ހިންގެވި ކަމަށާއި މަޖިލީހުގެ ނިޒާމު ގެއްލިފައި އޮތުމުން، އަނެއްކާ ވެސް މަޖިލިސް މެދުކަނޑާލަނީ ކަމަށެވެ.

އެމްޑީޕީން މިހާރު ވަނީ އީވާގެ އިތުބާރު ނެތް ކަމަށް ބުނެ ވެސް މަޖިލީހަށް، 50 މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅާފައެވެ.

comment ކޮމެންޓް