ރައީސާއި ޑރ. މުއިއްޒު ފިޔަވައި ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި: އީސީ

ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން -- ފޮޓޯ/ ވަގުތު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ފިޔަވާ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

'ސަން' އަށް މައުލޫމާތުދެމުން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިހާތަނަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ހަ ކެންޑިޑޭޓުންގެ މާލީ ބަޔާން މިހާރު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެ ކެންޑިޑޭޓުންނަކީ:

  • ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު
  • ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް
  • އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ހަސަން ޒަމީލް
  • އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ފާރިސް މައުމޫން
  • އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް
  • އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އުމަރު ނަސީރު

ހަސަން ވިދާޅުވީ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ މިމަހުގެ 30ގެ ކުރިން ކަމަށެވެ.

މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލާއި، އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލުގެ އިތުރުން ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް ވެސް ހުށަހަޅަން ޖެހޭނެއެވެ. އަދި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި، ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ސްލިޕްވެސް ހުށަހަޅަން ޖެހޭނެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބަލާއިރު އޭރުގެ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ޞާލިޙާ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މާލީ ބަޔާން އީސީއަށް ހުށަހެޅިއިރު އެ ކޮމިޝަނުން ބުނީ ގާތްގަނޑަކަށް ދެ ކެންޑިޑޭޓުން ވެސް ޚަރަދުކޮށްފައި ވަނީ އެއްވަރަކަށް ކަމަށެވެ.

ނަމަވެސް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި އެ ދެ ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމައެއް ނުވެއެވެ.

އިލެކްޝަންސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، މާލީ ބަޔާން ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރެވޭނެއެވެ.

އެ ފަހުން ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ މާލީ ބަޔާން ވެސް ފުރިހަމަ ނުވުމުން އީސީން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

އަދި މާލީ ބަޔާން ފުރިހަމަ ނުވުމުގެ މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް މައްސަލަ ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް