ބައިނަލްއަގްވާމީ ކޮންފަރެންސަކަށް ނަޝީދު ދުބާއީއަށް

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރައްވަން ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

މާދަމާއިން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ މި ކޮންފަރެންސްގައި ދުނިޔެއަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ. އޭގެ އިތުރުން އާންމުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން މަޝަވަރާ ކުރަން ވަނީ ނިންމައިފައެވެ.

މި ކޮންފަރެންސަކީ ލަންޑަނުގައި ބޭސްވެފައިވާ ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީއިން ބާއްވާ ކޮންފަރެންސެކެވެ.

ނަޝީދަކީ މި ކޮންފަރެންސްގެ ކީ ސްޕީކަރެކެވެ. ނަޝީދުގެ އިތުރުން މި ކޮންފަރެންސްގައި ގްރެނަޑާގެ ރައީސް ޑިކޮން މިޗެލް އަދި މިނޫންވެސް އިސް އެހެން ބައެއް ބޭފުޅުން ވެސް ތަގުރީރު ކުރައްވާނެއެވެ.

ނަޝީދު މި ކޮންފަރެންސަށް ފުރާވަޑައިގެންފައި ވަނީ އެ މަނިކުފާނުގެ އިތުބާރުގެ މައްސަލައަށް ގޮތެއް ނިންމާފައި ނުވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީން އެކަމުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ.

މި ކޮންފަރެންސަށްފަހުގައި އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

comment ކޮމެންޓް