ނަޝީދު މައްސަލަ: މަޖިލީހުން ގަބޫލުކުރާ ހައްލަކީ ގަވާއިދު އިސްލާހު ކުރުން

ޝަރީއަތުގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ---

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތުގައި އިންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޮތްއޮތުމަށް އިތުރު ބަދަލެއް ގެނެވޭނީ ގަވާއިދު އިސްލާހު ކޮށްގެން ކަމަށް ސުޕްރީމް ކޯޓުގައި މިއަދު މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ބަލާ ޖަލްސާގެ ރިޔާސަތުގައި އިންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ގަވާއިދަކު ނެތެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާތަކަށް ނައިބު ރައީސް އަދި ކޮއްކޯފުޅު އީވާ އަބްދުﷲ ވަޑައިނުގަންނަވާތީ އެ މައްސަލަ އޮތީ ކުރިއަށް ނުގެންދެވިއެވެ. އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދަން ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީއިން ދެކޮޅު ހަދައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިއަދު އެ ކޯޓުގައި ވަނީ ފަށައިފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ ޒިންމާތައް އެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ފުރޮޅިގެން ނުދާނެ ކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ގަވާއިދު އޮތް ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ބާއްވާ ޖަލްސާގެ ރިޔާސަތު މަޖިލީިހުގެ މެމްބަރަކަށް ނުބެލެހެއްޓޭނެ ކަމަށް ފިލްޒާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތުގައި ނައިބު ރައީސް އިންނަވަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ފިލްޒާ ފާހަގަ ކުރެއްވީ އެ މައްސަލައިގެ ބޮޑުކަމުން އެ މައްސަލަ ކުރިއަށް ގެންދަވަން ވާނީ ދެން މަޖިލީހާ ހަވާލުވެލައްވާނެ ފަރާތުން ކަމަށް ވާތީއެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތާ ހަވާލުވެލައްވާ ފަސް ބޭފުޅުންނަކީ މަޖިލިސް ހިންގުމުގެ ޒިންމާތަކާއި ވާޖިބުތައް ނަންގަވަން ޖެހޭ ބޭފުޅުން ނޫން ކަމަށް ފިލްޒާ ފާހަގަ ކުރެއްވިއެވެ.

"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލީހެއްގެ އުމުރުގައި އަންނާނެ އެންމެ މުހިންމު މައްސަލަ. އެހެންވީމާ އެ މައްސަލައަށް ދޭ މުހިންމު ކަމާ އެ މައްސަލައަށް ދޭ އަހަންމިއްޔަތުގެ ސަބަބުން ދެން އެ މައްސަލައާ ހަވާލުވާނީ މަޖިލީހުގައި ހުރު ދެން އެންމެ ކީ އޮފިސަރު[ނައިބު ރައީސް]،" ފިލްޒާ ތަފްސީލް ކޮށްދެއްވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާ ހާލަތުގައި މަޖިލީހުގައި އެޅޭ "ޑެޑްލޮކް" ހައްލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި ފިލްޒާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓޭނެ ހާލަތެއް އަދި ނެތް ކަމަށެވެ. މަޖިލީހުގައި އިތުރު މަސައްކަތެއް ނުކުރެވޭނީ މަޖިލީހުގެ ޖަލްސާއަކަށް ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ކަމަށާއި މަޖިލީހަށް ގަރާރެއް ހުށަހެޅުމުން ނުވަތަ އެޖެންޑާ ކުރުމަކީ އިތުބާރު ނެތް ކަމުގެ މައްސަލަ ޖަލްސާއަށް ހުށަހެޅުން ނޫން ކަމަށް ފިލްޒާ ވިދާޅުވިއެވެ.

މަޖިލިސް ނުހުއްޓުވި ކުރިއަށް ގެންދެވޭނެ ގޮތާ ގުޅޭގޮތުން ފަނޑިޔާރު ހުސްނުއްސުއޫދު އަނެއްކާ ވެސް ސުވާލު ކުރެއްވުމުން ފިލްޒާ ވިދާޅުވީ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެ ލަފާ އަރުވާފައިވާނެ ކަމަށެވެ.

""[މަޖިލީހުގެ]ގަވާއިދަށް އެމަންޑްމަންޓެއް[ބަދަލެއް] ގެންނަން ޖެހޭނީ. އަޅުގަނޑުމެން މިހާރު ވެސް އެ ލަފާ ދީފައި އޮންނާނީ،" ފިލްޒާ ވިދާޅުވިއެވެ.

އެއާއެކު ފިލްޒާ ވިދާޅުވީ މިހާރު ވެސް މަޖިލިސް ކުރިއަށް ގެންގޮސް ގަވާއިދު އިސްލާހު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތައިގައެވެ. އެކަމަކު، އީވާ އެ ހަފުތާ އެއްކޮށް އާލާސްކަންފުޅާ ސަލާން ވިދާޅުވުމުން އެ ހަފުތާގައި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މި ހަފުތާގައި އެ ކަމަނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން އެ މައްސަލަ ވެއްދީމާ، އެހެންވެ ދެން ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ވަނީ ސުޕްރީމް ކޯޓުގައި އޮތް އެކަމާ ގުޅުންހުރި މައްސަލަ ނިމެންދެން ނަޝީދުގެ އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ނުކުރާނެ ބުނެފައެވެ.

comment ކޮމެންޓް