އެދެނީ ސަމަރުބްލޫ އިބްރާހިމް މަނިކަށް ދިވެހިރާއްޖޭގެ އަޑުގެ ނަން ޚާއްސަވުން: ނައިބު ރައީސް

ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގެ ޚިދުމަތުގެ ބާނީއަކީ އަލް މަރްހޫމު އިބްރާހިމް މަނިކު (ސަމަރުބްލޫ އިބްރާހިމް މަނިކު ނުވަތަ ސަމަރޭ) ކަމަށް އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށާއި ދިވެހިރާއްޖޭގެ އަޑުގެ ނަމުން ވެސް އެ މަނިކުފާނުގެ ނަން އައުމަކީ އެދިވަޑައިިގަންނަވާ ގޮތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރޭޑިއޯ ނުވަތަ ދިވެހިރާއްޖޭގެ އަޑުގެ ބާނީއަކީ އޮނަރަބަލް ސަމަރުބްލޫ އިބްރާހިމް މަނިކު. އަޅުގަނޑު ގަބޫލުކުރަނީ އެ ތަނުގެ އެ މަރުކަޒުގެ ނަން ވެސް ކޮންމެ ވެސް އެއް ސިފައެއްގައި ނިސްބަތްވާން ޖެހޭނީ އަލްމަރުހޫމް ސަމަރުބްލޫ އިބްރާހިމް މަނިކުގެ ނަންފުޅު އަންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ގައުުމަށް ޚިދުމަތް ކުރައްވައި އެކި ރޮނގު ރޮނގުން މަސައްކަތް ކޮށްދެއްވި ޚިދުމަތްތެރިންގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.

"އަދި އަމުދުން ދަތި ދުވަސްވަރުގައި އެންމެ ބޭނުންވާ ކަންތައްތައް ކޮށްދެއްވައިފައި ތިބި ފަރާތްތަކުގެ މަތިން ހަނދާން އާކޮށް އެ ފަރާތްތަކަށް ޝުކުރުވެރިވެ ކަން އެގޮތަށް ކުރުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެއްވެސް ނިއުމަތެއް ބީވެ ނުދަނީސް، އެ ނިއުމަތެއްގެ އަގު ވަޒަންކުރުމަކީ އިންސާނުންނަށްވީތީ ޠަބީއަތުގައި ވެސް މަދުން ނޫނީ ނުކުރެވޭ ކަމެއް ކަމަށެވެ.

އަދި، މީގެ 50 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކަންކަން ހުރި ގޮތް ތަޞައްވުރުކުރުމަކީ މިއަދުގެ ކުދިންނަށް ދަތި ކަމެއްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ދުވަހު އިބްރާހިމް މަނިކު ކުރެއްވި ޚިދުމަތްތަކަކީ 'އަމިއްލަ' ކަމެއްގެ ގޮތުގައި ދެކެވަޑައިިގެން ކޮށްދެއްވި ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން އެއީ ހަނދާން ނައްތައިލައިގެންވާނެ ކަންތައްތަކެއް ނޫން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

އެ މަނިކުފާނުވަނީ އިބްރާހިމް މަނިކުގެ ޚާއްސަ ޕްރޮގްރާމްތައް ކަމަަށްވާ 'ބާއްޖަވެރި ހެނދުނެއް'ގެ ވާހަކައާއި، ރޯދަ ކުރުކުރުމަށް ގެނެސްދޭ ޚާއްސަ ޕްރޮގްރާމް ވެސް ފާހަގަކުރައްވައިފައެވެ.

"އަޅުގަނޑަށް ވެސް މި ގޮތަށް މި ވާހަކަ ދައްކާ ކަމަށް ވަންޏާ ވަރަށް ގިނަ ވާހަކަ ދެއްކިދާނެ. ޚިދުމަތުގެ ވާހަކަ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިބްރާހިމް މަނިކަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. ޚުދު އެ މަނިކުފާނުގެ ބައްޕާފުޅާއި، އިބްރާހިމް މަނިކާ ގާތް އެކުވެރި ގުޅުމެއް އޮތްކަމަށް ފާހަގަކުރެއްވިއެވެ.

މިރޭ އޮތް ތައުބީންގެ ޖަލްސާގައި ރޭޑިއޯއާއި ޓީވީ ބްރޯޑްކާސްޓިންގައި އުޅުއްވާ އިސްވެރިންނާއި މަސައްކަތްތެރިން ބައިވެރިވެފައިވެއެވެ.

ގިނަ ދުވަސްތަަކެއް އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު އިބްރާހިމް މަނިކު އަވަހާރަވީ އުމުރުފުޅުން 72 އަހަރުގައި މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.

comment ކޮމެންޓް