ހުއްދަނެތި ރީބްރޮޑްކާސްޓު ކުރާނަމަ އަދި އަހަރީ ފީ ނުދައްކާނަމަ ޖޫރިމަނާ ކުރާނެ

މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑު ހަފްލާގެ ތެރެއިން: ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވާހަކަދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ހުއްދަނެތި ރީބްރޯޑްކާސްޓް ކުރާނަމަ އަދި އަހަރީ ފީ ނުދައްކާ ނަމަ ޖޫރިމަނާ ކުރާގޮތަށް ރީބްރޮޑްކާސްޓުކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ން ނެރުނު ބަޔާނެއްގައި ބުނީ މި ގަވާއިދަށް އިސްލާހު ގެނައުމަށް ފަހު މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުގެ ދަށުން ހަތަރު ކަމެއް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން:

  1. އަމިއްލަ ބޭނުމަށް ފިޔަވައި ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ނެގުން ގަވާއިދުގެ ދަށުން ލާޒިމު ވާނެއެވެ.
  2. މުއްދަތު ހަމަވާން 90 ދުވަސް ކުރިން ލައިސަންސް އާ ކުރުމަށް ހުށަހެޅުން ލާޒިމްކޮށް އެ މުއްދަތުގެ ފަހުން ލައިސަންސް އާކުރުމަށް ހުށަހެޅުންތައް ބަލައެއް ނުގަންނާނެއެވެ.
  3. ޗެނަލް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެއެވެ.
  4. އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރާނެއެވެ.

ލައިސަންސް ނެގުން ގަވާއިދުގެ ދަށުން ލާޒިމު ކޮށްފައިވާއިރު، ރަށްރަށުގައި ސިޓީ، ހޮޓާ، ރެސްޓޯރެންޓް އަދި ރިސޯޓްތަކުގައި، އެއާޓެލް ނުވަތަ ޑިޝްޓީވީ ނުވަތަ އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ނެތި ޚިދުމަތް ދެމުންދިއުމާއި، އެ ޚިދުމަތް ވިޔަފާރި އުސޫލުން ލިބިގަންނަ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެއެވެ.

އަދި، ލައިސަންސް ނަގައިގެން، ޗެނަލް ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު ހޯދައިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާނެއެވެ. މީގެ އިތުރުން ޗެނަލް ރައިޓްސް ނެތި ވިޔަފާރި އުސޫލުން ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓުވާނެއެވެ.

މުއްދަތު ހަމަވާން 90 ދުވަހުގެ ކުރިން ލައިސަންސް އާ ކުރުމަށް ހުށަހެޅުން ލާޒިމްކޮށް އެ މުއްދަތުގެ ފަހުން ލައިސަންސް އައުކުރުމަށް ހުށަހެޅުންތައް ބަލައިނުގަތުމަށް ގެނެވުނު އިސްލާހުގެ ދަށުން މި ބަދަލު ގެނެވިފައިވަނީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އާ ކުރުމާ މެދު ގޮތެއް ނިންމުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މީގެ ކުރިން ޗެނަލް ރައިޓްސް ނެތި ރީބްރޯޑްކާސްޓް ކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭނީ ހަމައެކަނި ލައިސަންސް ނަގައިގެން ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުންނެވެ. ނަމަވެސް އިސްލާހުގަ ގެނެވިފައިވާ ބަދަލުގެ ދަށުން ލައިސަންސް ނެތް ފަރާތަކުން ވެސް ޗެނަލެއް ދެއްކުމުގެ ރައިޓްސް އޮތްކަން ސާބިތު ކޮށްނުދެވިއްޖެ ނަމަ ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރުމުގައި ކޮންމެ އަހަރަކަށް ވަކިން ޖޫރިމަނާ ކުރުމަށާއި، ލައިސަންސްގެ މުއްދަތު ހަމަވުމުން ޖޫރިމަނާ އިތުރު ނުވާގޮތަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

comment ކޮމެންޓް