މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރު ކަމަށް މަޖިލީހުން ރާއްޖެ ޓީވީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާއަށް ރުހުންދިނުމަށްފަހުގައި ގިނަ ދުވަސްތަކަކަށްފަހު އެ މަގާމަށް އޭނާ އައްޔަނު ކޮށްފިއެވެ.
އެ މަގާމަށް ނުޒުހާ އައްޔަނު ކުރުމަށް މަޖިލީހުން އޭނާއަށް ރުހުން ދިނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް "ސަން"އަށް ވިދާޅުވީ މިއަދު ނުޒުހާ މަގާމަށް އައްޔަނުކޮށްފައިވާކަން އޭނާއަށް އަންގައިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނުޒުހާ މަޤާމަށް އައްޔަނު ކުރުން ލަސްވެފައިވަނީ ރައީސް ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ސަބަބުން ކަމަށެވެ.
އަދި މިހާރު ވެސް އޭނާ މަގާމަށް އައްޔަނުކުރުން ލަސްވެފައިވާތީ މަގާމަށް އައްޔަނުކުރި ކަމުގެ ލިޔުން މިއަދު ފޮނުވައިފައިވަނީ އަވަސްކޮށްލުމުގެ ގޮތުން ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
އިތުރަށް ޚަލީލް ވިދާޅުވީ މި މަގާމަށް މީހަކު އައްޔަނު ކުރުމަކީ ރަސްމިއްޔާތެއް ބާއްވައި، ފަތްކޮޅު އަރުވާގޮތަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގާނޫނުގައި ނޯންނަ ކަމަށެވެ.
ވޭތުވެދިޔަ 2022 ވަނަ އަހަރު ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މެންބަރުކަމުން އިސްތިއުފާ ދެއްވުމާއެކު އެ ކޮމިޝަނުން މެންބަރެއްގެ މަޤާމު ވަނީ ހުސްވެފައެވެ.
އެ މަގާމަށް ކުރިމަތިލީ މީހުންގެ ނަންތައް މިދިޔަ ސަރުކާރުގައި މަޖިލީހަށް ފޮނުވިއެވެ. އެއަށްފަހު ނުޒުހާއަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުން ނިންމައިފައިވަނީ ވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ.