އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

އެޗްއާރުސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ އެޗްއާރުސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފާ ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އަދި އެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލާ ހަމައަށް ބަންދުވެފައި އޮއްވާ އަނެއްކާވެސް އަލުން މިވަނީ ހުޅުވާލާފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވައިލުމުން އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ އަލުން ހުޅުވާލާފައެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 26 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހުންނެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މި ވަގުތު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ ރައީސް މަރިޔަމް މުނާ، މެންބަރު މުއުމިނާ ވަހީދު، މެންބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި މެންބަރު ސަމާއު އަހުމަދު ނަޖީބެވެ.

މެންބަރު މުއުމިނާއާއި ޝިފާއަތު އެ ކޮމިޝަނަށް އައްޔަން ކުރީ ސެޕްޓެމްބަރު އަށެއް، 2020ގައެވެ. އަދި، ރައީސް މުނާ އައްޔަން ކުރީ އެ އަހަރު ނޮވެމްބަރު 30 ގައެވެ. މެންބަރު ސަމާއު އެ ކޮމިޝަނަށް އައްޔަން ކުރީ އޮކްޓޯބަރު ތިނެއް، 2021ގައެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. މެންބަރުކަމުން ވަކިކުރާ މީހުން ފިޔަވާ އެހެން މެންބަރުންނަށް ފަސް އަހަރުގެ އިތުރު ދައުރެއް ވެސް އަދާ ކުރެވޭނެއެވެ.

comment ކޮމެންޓް