ބިމުގެ ދަތިކަން ބޮޑުވެފައި އޮތް ކަނޑުހުޅުދޫއިން ގޯތި ދޫކުރަނީ

ގއ. ކަނޑުހުޅުދޫ --- ފޮޓޯ/ އައިލެންޑް ލެޖެންޑްސް

ގއ. ކަނޑުހުޅުދޫއަށް ދިމާވެފައި އޮތް ބިމުގެ ދަތިކަމާއެކު ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުން ގޯތި ދޫކުރަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

މި ކަމާ ގުޅިގެން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ޠާރިގު އަފީފް "ސަން"އަށް ވިދާޅުވީ ގޯތި ނުލިބުމަކީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވާ ކަމެއް ކަމަށެވެ. އެއާއެކު އެ ރަށުގައި ބިން ނެތުމަކީ ވެސް ބޮޑު ދައްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި ވަގުތު ވެސް ގޯއްޗަށް އެދިގެން ތިބި 60 އަށްވުރެ ގިނަ މީހުން ރަށުގައި ތިބި ނަމަވެސް ރަށުގައި އޮތް ޖާގައިން މިހާރު ދޫކުރެވެން އޮތީ އެންމެ 24 ބިން ކަމަށް ޠާރިގު ވިދާޅުވިއެވެ.

"ބިމުގެ ދަތިކަން ވެސް ވަރަށް ބޮޑު. ހަމައެއާއެކު ގޯތި ބޭނުންވާ މީހުން ވެސް އެބައުޅޭ. އަޅުގަނޑުމެން ބޭނުން ބިން ހިއްކުމުގެ މަސައްކަތް މި ރަށުގައި ވެސް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަނޑުހުޅުދުއަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މަޝްރޫއެއް ބޭނުންވާކަމަށެވެ.

ޠާރިގް ވިދާޅުވީ ދިރިއުޅުމަށް ގޯތި ބޭނުންވާ ރައްޔިތުންނަށް ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން ހުޅުވައިލާނެ ކަމަށެވެ.

ގޯއްޗަށް ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައިނުވާ, އެ ރަށަށް ނިސްބަތްވާ މީހުންނަށެވެ.

ރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާއި 2000 އަކަފޫޓާއި ދެމެދުގެ 24 ގޯއްޗެވެ.

ކަނޑުހުޅުދޫގައި މިހާރު ދިރިއުޅޭ މީހުންގެ އަދަދު 1،024އާ ގާތްކުރެއެވެ.

comment ކޮމެންޓް