ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި

-- ފޮޓޯ/ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ޝެފުންނާއި ކަލިނަރީ ދާއިރާގެ މަސައްކަތްތެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަށް ރާއްޖޭގައި ފަށައިފިއެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)އިން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން މި އަހަރުގެ ޝެފުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ގްރޮވިން ގްރޭޓާ ޝެފްސް"އެވެ.

މި ޝިއާރުގެ މަގުސަދަކީ ކަލިނަރީ ދާއިރާއަށް ކުޑަކުދިންގެ ހިތްތަކުގައި ޝައުގުވެރިކަން އުފައްދައި، އެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް ޝެފްސް ގިލްޑްއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ، މި އަހަރުގެ ދުނިޔޭގެ ޝެފުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ހަމަޖެހިފައިވާ ވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ނަމަވެސް މި ދުވަހާ ގުޅުންހުރި ހަރަކާތްތައް މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެގޮތުން ރޯޔަލް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް، ޝެފް އިސްހާގު ސޯލިހުގެ އިސްނެންގެވުމުގެ ދަށުން، އަދި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ އެންޑޯޒްމަންޓާ އެކު ރޯޔަލް އައިލެންޑް ރިސޯޓުގައި މިދިޔަ ހަފުތާގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ހަރަކާތްތަކުގައި، ބ. ދޮންފަނު ސްކޫލާއި ބ. މާޅޮހު ސްކޫލާއި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 އަހަރާއި 14 އަހަރާ ދެމެދުގެ ދަރިވަރުންގެ ޓީމުތަކެއް އެ ރިސޯޓަށް ޒިޔާރަތްކޮށް ބައިވެރިވި ކަމަށް ޝެފްސް ގިލްޑްއިން ބުންޏެވެ.

އައިލެންޑް ރިސޯޓުން ބ. ދޮންފަނު ސްކޫލަށް ގަސް ހަދިޔާކުރަނީ-- ފޮޓޯ/ސީޖީއެމް

އެ ރިސޯޓުގައި ހިންގި ހަރަކާތްތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކިޗަން އޮޕަރޭޝަންސްއާ ގުޅުންހުރި އެކި ހަރަކާތްތަކާއި، ސިއްހަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރުމުގެ ހަރަކާތްތައް ހިމެނޭކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މީގެއިތުރުން، މި ހަރަކާތްތަކުގެ ތެރެއިން، ރޯޔަލް އައިލެންޑް ރިސޯޓުން ވަނީ ބ. ދޮންފަނު ސްކޫލަށް ގިނަ އަދަދެއްގެ ގަސް ވެސް ހަދިޔާކޮށްފައެވެ.

ޝެފްސް ގިލްޑްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަމެންޓް ޖަމިއްޔާއެވެ.

comment ކޮމެންޓް