ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން ވަނަތަކެއް

ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެމްޕިއަންޝިޕްގައި ބައިވެރި ވުމަށް ފަހު މޯލްޑިވްސް ޝެފްސް ގިލްޑުން ރާއްޖެ އައުން -- ސަން ފޮޓޯ/ އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

ޕާކިސްތާނުގެ ލާހޫރުގައި މިހަފުތާގެ އަންގާރައިން ބުރާސްފަތި ދުވަހަށް ކުރިއަށް ގެންދިޔަ ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެމްޕިއަންޝިޕްގައި މޯލްޑިވްސް ޝެފްސް ގިލްޑުން ފަޚުރުވެރި ކާބިޔާބީތަކެއް ހޯދައިފިއެވެ.

މި ޗެމްޕިއަންޝިޕަކީ ޕާކިސްތާނުގެ ޝެފުންގެ ގައުމީ ޖަމިއްޔާ ޝެފްސް އެސޯސިއޭޝަން އޮފް ޕާކިސްތާނުން އިންތިޒާމުކުރި ކަލިނަރީ މުބާރާތެކެވެ. ޝެފްސް ގިލްޑުން މި މުބާރާތައް އެކުލަވާލި ޓީމުގައި ހިމެނެނީ، ޝެފް އިސްމާއީލް ތަހުސީން، ޝެފް އަޖުވަދު އަބްދުލްވައްހާބު، ޝެފް އާއިޝަތު ރަޝްފާ އަހްމަދު އަދި ޝެފް މަރިޔަމް ޝަފާނާއެވެ.

މީގެ އިތުރުން، މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝެފުންގެ ޓީމުގެ މެނޭޖަރު އަދި ކޯޗު ފާތިމަތު ޢުމަރާއި ޝެފް މުހައްމަދު އަބްދުﷲ އަދު ރޫކީ ޖަޖް ޝިހާމާ ޝަފީއު ވެސް ބައިވެރިވެ ވަޑައިގަތެވެ. މިއީ ވޯލްޑްޝެފްސް ސެޓިފައިޑް ކޮންޓިނެންޝަލް ޖަޖުންނެވެ.

މި މުބާރާތުގައި ދިވެހި ޝެފުން ހޯދާފައިވާ ކާމިޔާބީތަކަކީ:

ޝެފް އިސްމާއީލް ތަހުސީން

  • ގޯލްޑް މެޑަލް - ބީފް ލައިވް ކުކިން
  • ގޯލްޑް މެޑަލް - ޗިކަން ލައިވް ކުކިން
  • ސިލްވާ މެޑަލް - ސީ ފުޑް ލައިވް ކުކިން

ޝެފް އަޖުވަދު އަބްދުލްވައްހާބު

  • ގޯލްޑް މެޑަލް - ބީފް ލައިވް ކުކިން
  • ގޯލްޑް މެޑަލް - ސީ ފުޑް ލައިވް ކުކިން
  • ސިލްވާ މެޑަލް - ޗިކަން ލައިވް ކުކިން

ޝެފް އާއިޝަތު ރަޝްފާ އަހްމަދު

  • ސިލްވާ މެޑަލް - ބީފް ލައިވް ކުކިން

ޝެފް މަރިޔަމް ޝަފާނާ

  • ސިލްވާ މެޑަލް - ޑްރެސް ދަ ކޭކް

މި މެޑަލްތަކުގެ އިތުރުން، ޝެފް އިސްމާއީލް ތަހުސީނާއި ޝެފް އަޖުވަދު އަބްދުލްވައްހާބު އަދި ޝެފް އާއިޝަތު ރަޝްފާ އަހްމަދު ވަނީ 4 ކޯސް ގޯމޭ މެނޫ ތައްޔާރު ކުރުމުގެ ޓީމް ޗެލެންޖުގައި ބައިވެރިވެ، އެންމެ މަތީ މާކްސްއާއެކު ގޯލްޑް މެޑަލް ހޯދާފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ އެކިއެކި ބައިނަލްއަގްވާމީ ކަލިނަރީ މުބާރާތްތަކާއި މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ޝެފްސް ގިލްޑަށް ލިބެއެވެ.

ޝެފްސް ގިލްޑްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަމެންޓް ޖަމިއްޔާއެވެ. މި ޖަމިއްޔާ ރެޖިސްޓާ ކޮށްފައި ވަނީ 2014ގައެވެ.

comment ކޮމެންޓް