އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ދިވެހި ކާބޯތަކެއްޗާއި ރާއްޖޭގެ ކަލިނަރީ ދާއިރާގެ ޚިދުމަތްތަކާއި މަސައްކަތްތައް ފާހަގަކޮށް، އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ "އައްޑޫ ކަލިނަރީ ފެސްޓިވަލް 2026" މިއަދުގެ ނިޔަލަށް ކާމިޔާބުކަމާއެކު ނިންމާލަން ހަމަޖެހިއްޖެއެވެ.
މި ފެސްޓިވަލަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ހިތަދޫ ނޫރާނީ ސްކޫލާއި އެފެސް އިންސްޓިޓިއުޓާއި އައްޑޫ ވިމެންސް އެސޯސިއޭޝަނުން ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ.
މި ފެސްޓިވަލްގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ މެންބަރު 20 ޝެފުން އައްޑޫ ސިޓީއަށް ދަތުރުކޮށް ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރިވެއެވެ.
އެ ޖަމިއްޔާއިން ބުނީ މި ފެސްޓިވަލްގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ކެއްކުމުގެ ސަގާފީ ގޮތްތަކާއި އެކި ރަށްރަށުގެ ކެއްކުމުގެ ރެސިޕީތައް ޑޮކިއުމަންޓްކުރުމާއި، އަންހެނުންނަކީ ރަށްރަށުގައި ކާބޯތަކެތި ތައްޔާރުކުރުމުގެ މުދައްބިރުންގެ ގޮތުގައި ފާހަގަކުރުން ހިމެނޭ ކަމަށެވެ. އަދި އެކިއެކި ފުރުސަތުތައް ހޯދައިދިނުމާއި، އައްޑޫއަކީ ރާއްޖޭގެ ކަލިނަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާގައި އައްޑޫގެ ފަންނުވެރީންނާއި ހުނަރުވެރީންނަށް އެ މީހުންގެ ހުނަރުތައް ދައްކާލާނެ ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް ޝެފްސް ގިލްޑްއިން ފާހަގަކުރިއެވެ.
އައްޑޫ ކަލިނަރީ ފެސްޓިވަލް 2026ގެ ތެރެއިން --- ފޮޓޯ: ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއައްޑޫ ކަލިނަރީ ފެސްޓިވަލްގެ ތެރެއިން މައިގަނޑު ހަތަރު ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން ފެސްޓިވަލް އޮންނަ ދުވަސްތަކުގައި، އައްޑުއަށް ނިސްބަތްވާ އަންހެނުންގެ ފަރާތުން، އައްޑުއަށް ޚާއްސަ އެކިއެކި ދިވެހި ކާބޯތަކެތި ތައްޔާރުކުރާނެ ގޮތްތައް ދައްކައިދޭ "ފުޑް ޑެމޮންސްޓްރޭޝަންސް" އޮންނާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އައްޑުއަށް ޚާއްސަ ބައެއް ކާބޯތަކެތި ކަމަށްވާ ތައް ބޮނޑިބަތާއި ކިރެލީ ލޮނާއި ނާރުވައްފަލުދާގެ އިތުރުން އައްޑޫ ހަވާދު ފަދަ ތަކެތި ހަދާ ގޮތުގެ ޑެމޮންސްޓްރޭޝަންތައް ކުރިއަށް ދިޔަކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޖަމިއްޔާގެ ޝެފުންގެ ފަރާތުން ކުކިންގް މާސްޓާ ކްލާސްތަކެއް ވެސް ކުރިއަށް ދިޔަކަން ފާހަގަކޮށްފައިވެއެވެ.
ކަލިނަރީ ފެސްޓިވަލްގެ ދެވަނަ ހަރަކާތެއްގެ ގޮތުން "އެފެސް އިންސްޓިޓިއުޓް"އާއި ގުޅިގެން ކޭކު އެޅުމާއި ޑެކަރޭޓުކުރުމުގެ މުބާރާތެއް ކުރިއަށްގެންދިޔައިރު، އެ މުބާރާތުގައި ވެޑިންގް ކޭކް ކެޓަގަރީއިން 17 އެންޓްރީ އަދި ކޭކު ޑެކަރޭޓުކުރުމުގެ ކެޓަގަރީއިން ހަތް އެންޓްރީއެއް ބައިވެރިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫ ކަލިނަރީ ފެސްޓިވަލް 2026ގެ ތެރެއިން --- ފޮޓޯ: ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއެ ޖަމިއްޔާއިން ވަނީ ބައިނަލްއަގުވާމީ ޝެފުންގެ ދުވަސް ކަމުގައިވާ، 20 އޮކްޓޫބަރަކީ އެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ކުޑަކުދިންނާއެކު ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރާ މުނާސަބާއެއްކަން ފާހަގަކޮށްފައެވެ.
އެގޮތުން އައްޑޫ ކަލިނަރީ ޗެލެންޖްގެ ތެރެއިން ބައިނަލްއަގުވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫގެ ހަތް ސްކޫލުން 120 ދަރިވަރުންނާއެކު ސިއްހަތަށް ފައިދާ ހުރި ކާނާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ފަސޭހައިން ތައްޔާރުކޮށްލެވޭ ހެލްތީ ކާނާއެއް ތައްޔާރުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫ ކަލިނަރީ ފެސްޓިވަލް 2026ގެ ތެރެއިން --- ފޮޓޯ: ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއެ ފެސްޓިވަލްގެ ތެރެއިން ކަލިނަރީ އަދި ހޮސްޕިޓަލިޓީ ދާއިރާގެ މުސްތަގުބަލު ބިނާކުރުމުގެ މަގްސަދުގައި ހިތަދޫ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް އެ ދާއިރާތަކުން ކެރިއާ ގައިޑަންސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މިއަދު ހެނދުނާއި މެންދުރު ކުރިއަށްދާ "އައްޑޫ ކަލިނަރީ ޗެލެންޖް" މުބާރާތުގައި އައްޑޫ ސިޓީގެ އަވަށްތަކާއި އައްޑޫ އަތޮޅުގެ ރަށްރަށުން ގިނަ ޓީމުތަކެއް ބައިވެރިވެފައިވާކަން ފާހަގަކޮށް މުބާރަތުގެ އެންމެ މުހިންމު އެއް މަގްސަދަކީ އައްޑޫގެ އެކިއެކި އާއިލާތަކުގައި ހުންނަ އެކިއެކި "ފެމިލީ ރެސިޕީ"ތަކުން ތައްޔާރުކުރާ ކާބޯތަކެތި ދައްކާލައި ކެއްކުމުގެ ވާދަވެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުން ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.