އަގުހުރި އިނާމުތަކާއެކު، ތިމާވެއްޓާ ގުޅުންހުރި ހެކަތަންއެއް

ތިމާވެށްޓާއި ގުޅުންހުރި ހެކަތޯން ފެށުން -- ފޮޓޯ/ އެންވަޔަރަަމެންޓް މިނިސްޓްރީ

ރާއްޖޭގައި ބާއްވާ ހެކަތޯންއެއްގައި މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު އިނާމުތަކާއެކު، "ދަ މޯލްޑިވްސް އޯޝަން ހެކަތަން"ގެ ނަމުގައި ހެކަތަންއެއް ފަށައިފިއެވެ.

އެ ހެކަތަންއަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކްރޮސްރޯޑްސްގައި ބާއްވާ އެ މުބާރަތް ފެށުމަށް އިއްޔެ ބޭއްވި ހަފުލާގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ހަފުލާގައި ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސާފު ފެން ލިބުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އަދި ތެޔޮ އަންދަންޖެހުމާއި، ޕްލާސްޓިކް އުފެއްދުންތައް ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފަހުގެ ޑޭޓާއެއް ނެތްކަމަށާއި، އެކިފަރާތްތަކުން އެއްކުރާ އެފަދަ ޑޭޓާ ސަރުކާރާ ހިއްސާކުރުން މުހިންމު ކަމަށެވެ.

ހެކަތަން ފެށުމުގެ ކުރިން ބޭއްވި ޖަލްސާގައި މިނިސްޓަރު ޝައުނާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ އެންވަޔަރަަމެންޓް މިނިސްޓްރީ

އެ ހެކަތަންގައި ބައިވެރިވުމަށް ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 30ގައެވެ. އަދި އެ ހެކަތަންގައި ބައިވެރިވުމަށް މިދިޔަ މަހުގެ 30ގެ ނިޔަލަށް 21 ޓީމަކުން ހުށަހެޅިއެވެ.

އޭގެ ތެރެއިން ފުރުސަތު ލިބުނު 10 ޓީމުން ވަނީ އިއްޔެ 13:00 ގައި މަސައްކަތް ފަށާފައެވެ.

މި ހެކެތަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ. މެދުނުކެނޑި 48 ގަޑިއިރަށް ހިންގާ ހެކަތޯންގައި 10 ޓީމާއެކު ޖުމްލަ 50 މީހުން ބައިވެރިވެއެވެ. އަދި މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެއް ޓީމް ހިމެނެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި ހެކަތަންގެ އެއްވަނަ ފަރާތަކަށް 10,000 އެމެރިކާ ޑޮލަރަށްވާ ރުފިޔާގެ އިނާމެއް ކަނޑައަޅާފައިވާކަމަށެވެ. އަދި ދެ ވަނައަށް 3000 އެމެރިކާ ޑޮލަރަށްވާ ފައިސާ އާއި ތިން ވަނައަށްދާ ފަރާތަށް 2000 ޑޮލަރަށްވާ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި ހެކަތަން ބޭއްވުމަށް އެއްބާރުލުންދޭ ފަރާތްތަކުން ޕޯސްޓް ހެކަތަން ސަޕޯޓްގެ ގޮތުގައި އެކިއެކި އެހީފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް