ދިވެހިރާއްޖޭގެ މަންތާ ރޭ ނުވަތަ މަޑީގެ ފަތުރުވެރިކަން ފާއިތުވި އަހަރުތަކުގައި 380 އިންސައްތަ ކުރިއަރައި، މި ސިނާއަތުގެ ސަބަބުން ލޯކަލް ވިޔަފާރިތަކަށާއި، މުވައްޒަފުންނަށް އަދި ސަރުކާރަށް ލިބޭ ސީދާ ފައިދާ އަހަރަކު 311 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް އައު ދިރާސާއަކުން ލަފާކޮށްފިއެވެ.
ޕަބްލިކް ލައިބްރަރީ އޮފް ސައިންސް "ޕްލޮސް ވަން"ގެ ސައިންޓިފިކް ޖާނަލްއެއްގައި އާންމުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ ފެންވަރުގައި މަޑީގެ އާބާދީ ދަށަށް ދަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ މި ސިނާއަތަކީ އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް ލިބޭ އަދި މި ބާވަތުގެ މަސްތައް ހިމާޔަތްކުރުމަށް އެހީތެރިވެދޭ މުހިންމު ދާއިރާއެކެވެ.

ދިވެހިރާއްޖޭގައި މަޑި ބަލަންދިއުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާގެ ތެރެއިން...
މި ދިރާސާއިން ދައްކާ ގޮތުގައި 2021 ވަނަ އަހަރު ރާއްޖޭގެ މަންތާ ރޭ ޓޫރިޒަމުން ގާތްގަނޑަކަށް 227.3 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި މަންތާ ބަލަންދާ އެކްސްކާޝަންތަކުން ލިބުނު 39 މިލިއަން ޑޮލަރާއި، އެއާ ގުޅުންހުރި އެހެނިހެން ހަރަދުތަކުގެ ގޮތުގައި ލިބުނު 188.3 މިލިއަން ޑޮލަރު ހިމެނެއެވެ.
މިއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) 2.6 އިންސައްތައެވެ. ދެހާސް އަށް ވަނަ އަހަރާ އަޅާބަލާއިރު މި ސިނާއަތް ބޮޑުތަނުން ކުރިއަރާފައިވާއިރު، މިހާރު ރާއްޖޭގެ ޓޫރިޒަމް އޮޕަރޭޓަރުންގެ 80 އިންސައްތަ ފަރާތްތަކުން މަޑި ބަލަންދިއުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.

ދިވެހިރާއްޖޭގައި މަޑި ބަލަންދިއުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާގެ ތެރެއިން...
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޑި ފަދަ ދިރުންތައް ބާނައިގެން ވިއްކުމަށްވުރެ، ދިރިހުއްޓާ އެތަކެތި ބަލަން އަންނަ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީ މާ ބޮޑެވެ. މިސާލަކަށް، ރާއްޖޭގައި ދިރިހުރި މިޔަރެއްގެ އަގު 33,500 ޑޮލަރަށް އަރާއިރު، ބާނާފައިވާ މިޔަރެއްގެ އަގަކީ އެންމެ 32 ޑޮލަރެވެ. މިފަދަ ދިރުންތައް ހިމާޔަތްކުރުމަށް ސަރުކާރުތަކުން ކުރާ ހޭދަ ބޮޑުވުމާއެކު، ވައިލްޑްލައިފް ޓޫރިޒަމަކީ ބަޔޯޑައިވާސިޓީ ރައްކާތެރިކުރުމަށް ދުނިޔޭގައި ބޭނުންކުރާ ކާމިޔާބު އުކުޅެކެވެ.
ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް މަންތާ ރޭ ނުވަތަ އެންމަޑި ބަލަން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. ރާއްޖޭގައި އެންމަޑި ބަލަންދާ 101 ސަރަހައްދެއް އޮންނައިރު، ބ. އަތޮޅު ހަނިފަރު ފަދަ ސަރަހައްދުތަކަކީ ދުނިޔޭގެ އެންމެ ބޮޑު ރީފް މަންޓާ އާބާދީ ޖަމާވާ މުހިންމު މަރުކަޒުތަކެވެ. މި ދިރުންތަކަކީ ދިވެހި މުޖުތަމައުތަކުގައި ސަގާފީ ގޮތުންނާއި ގުދުރަތީ ގޮތުން ބޮޑު އަހަންމިއްޔަތުކަމެއް ދެވޭ އެއްޗެކެވެ.
ދިވެހިރާއްޖޭގައި މަޑި ބަލަންދިއުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާގެ ތެރެއިން...
މަންތާ ރޭގެ އާބާދީއަށް މޫސުމީ ބަދަލުތަކާއި، މަސްވެރިކަމާއި، އަދި ރަނގަޅަށް މެނޭޖްނުކުރެވޭ ފަތުރުވެރިކަމުގެ ސަބަބުން ނުރައްކާ ކުރިމަތިވެފައިވެއެވެ.
މަންތާ ރޭއަކީ ވަރަށް ލަހުން ބޮޑުވާ އަދި މަދުން ވިހާ އެއްޗަކަށްވުމުން، ކުރިމަގުގެ އިގްތިސާދީ ތަނަވަސްކަމަށްޓަކައި މަންތާ ރޭ ހިމާޔަތްކުރުމަށް ހަރުދަނާ މެނޭޖްމަންޓް އުސޫލުތަކެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.