ޓޫރިޒަމް މިނިސްޓްރީން އާންމުކުރި "މޯލްޑިވްސް ވިޒިޓާ ސާވޭ 2025" ގެ ތަފާސްހިސާބުތަކުން، ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ "މިލެނިއަލްސް" ކަން ހާމަކޮށްފިއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ 47 އިންސައްތައަކީ އުމުރުން 29 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 1981 އާއި 1996 އާ ދެމެދު އުފަންވެފައިވާ މީހުން ނުވަތަ "މިލެނިއަލްސް"އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ޒުވާން ޖީލުގެ ނުފޫޒު ގަދަކަން ދައްކައިދޭ މުހިންމު ހެކިތަކެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މި ސާވޭއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އާދަކާދަތަކާއި، އެ މީހުންގެ އުމުރުފުރާތަކާއި، އަދި ދަތުރުކުރާ ގޮތްތައް ދެނެގަތުމަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މުހިންމު ދިރާސާއެކެވެ.
މިލެނިއަލްސްގެ އިތުރުން، ދެން އެންމެ ގިނައިން ރާއްޖެ އަންނަނީ "ޖެން އެކްސް" (45-60 އަހަރު) އަދި "ޖެން ޒީ" (28 އަހަރުން ދަށް) ފަތުރުވެރިންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެން އެކްސް ފަތުރުވެރިން 24 އިންސައްތަ ހިއްސާކުރާއިރު، ޖެން ޒީ ފަތުރުވެރިންގެ ނިސްބަތަކީ 20 އިންސައްތައެވެ. މީގެ އިތުރުން، އުމުރުން 61 އަހަރާއި 80 އަހަރާ ދެމެދުގެ "ބޭބީ ބޫމާސް" ހިއްސާކުރަނީ އަށް އިންސައްތައެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަން ޒުވާން އަދި މެދު އުމުރުގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަމެވެ. ޚާއްސަކޮށް ޖެން އެކްސްއަކީ ޕްރީމިއަމް ސެގްމަންޓަށް ބޮޑު ހޭދައެއް ކުރާ ބައެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް އޮންނަ ޑިމާންޑް ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ އުމުރުފުރާއެކެވެ.
ފަތުރުވެރިންގެ ވަޒީފާއާއި މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ ޕްރޮފެޝަނަލުންނާއި ވިޔަފާރިވެރިންނެވެ. އެގޮތުން، 32 އިންސައްތަ މީހުންނަކީ ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ މީހުންނަށް ވާއިރު، 26 އިންސައްތަ މީހުންނަކީ ވިޔަފާރިވެރިން ނުވަތަ މެނޭޖަރުންނެވެ. މިއީ ރާއްޖެއަކީ މަތީ ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް އަމާޒުކޮށްގެން ހިންގާ ޕްރީމިއަމް ޑެސްޓިނޭޝަނެއްކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިއަކު ރިސޯޓެއްގައި: -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް
މީގެ އިތުރުން، އަށް އިންސައްތަ މީހުންނަކީ ހުނަރުވެރި މަސައްކަތްތެރިންނެވެ. އަދި ހަ އިންސައްތަ މީހުންނަކީ ސޭލްސް ނުވަތަ ޚިދުމަތްދޭ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނެވެ. ކްލެރިކަލް ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާގެ މީހުން ހަ އިންސައްތަ ހިއްސާކުރާއިރު، ރިޓަޔާ ކޮށްފައިވާ މީހުންގެ ނިސްބަތަކީ ވެސް ހަ އިންސައްތައެވެ. ޑިޖިޓަލް އަދި ޓެކްނޮލޮޖީ ދާއިރާގެ ޕްރޮފެޝަނަލުން ފަސް އިންސައްތަ ހިއްސާކުރެއެވެ. ގޭގައި ތިބޭ މީހުންނާއި ކިޔަވާ ކުދިންގެ ނިސްބަތަކީ ކޮންމެ ބަޔަކަށް ތިން އިންސައްތައެވެ. ވަޒީފާއެއް ނެތް މީހުންނާއި ކްރިއޭޓިވް ޕްރޮފެޝަނަލުންގެ ނިސްބަތަކީ ދެ އިންސައްތައެވެ. އަދި ކޮންޓެންޓް ކްރިއޭޓަރުން ނުވަތަ އިންފްލުއެންސަރުން ހިއްސާކުރަނީ އެއް އިންސައްތައެވެ.
ގައުމުތަކަށް ބަހާލައިގެން ބަލާއިރު، ޕްރޮފެޝަނަލުން އެންމެ ގިނައީ އިންޑިއާ ފަތުރުވެރިންގެ ތެރޭގައެވެ. އިންޑިއާއިން އަންނަ ފަތުރުވެރިންގެ 55 އިންސައްތައަކީ ޕްރޮފެޝަނަލުންނެވެ. މީގެ އިތުރުން، އެމެރިކާގެ 49 އިންސައްތަ، ޖަރުމަނާއި ސްޕެއިންގެ 41 އިންސައްތަ، އަދި އިނގިރޭސިވިލާތުގެ 39 އިންސައްތަ ފަތުރުވެރިންނަކީ ޕްރޮފެޝަނަލުންނެވެ. ސްވިޓްޒަލޭންޑުގެ 35 އިންސައްތަ، ފަރަންސޭސިވިލާތުގެ 30 އިންސައްތަ އަދި އިޓަލީގެ 29 އިންސައްތަ މީހުންނަކީ ވެސް ޕްރޮފެޝަނަލުންނެވެ.
ވިޔަފާރިވެރިންނާއި މެނޭޖަރުން އެންމެ ގިނައީ ރަޝިއާ ފަތުރުވެރިންގެ ތެރޭގައެވެ. ރަޝިއާއިން އަންނަ ފަތުރުވެރިންގެ 36 އިންސައްތައަކީ ވިޔަފާރިވެރިންނެވެ. އަދި ފަރަންސޭސިވިލާތުގެ 29 އިންސައްތަ، ސްޕެއިންގެ 27 އިންސައްތަ، ސްވިޓްޒަލޭންޑުގެ 26 އިންސައްތަ، އަދި ޗައިނާގެ 23 އިންސައްތަ ފަތުރުވެރިންނަކީ ވިޔަފާރިވެރިންނާއި މެނޭޖަރުންނެވެ.
އިނގިރޭސިވިލާތް، ޖަރުމަނު، އިޓަލީ، އިންޑިއާ އަދި އެމެރިކާއިން އަންނަ ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބަޔަކީ ވެސް ވިޔަފާރިވެރިންނާއި މެނޭޖަރުންނެވެ.

ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: -- ފޮޓޯ/ އެމްއޭސީއެލް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ބޮޑު ބައެއް އަންނަނީ ބައިވެރިޔާ ނުވަތަ އާއިލާއާއެކުގައެވެ. ސާވޭގެ ނަތީޖާ ދައްކާ ގޮތުން، 77 އިންސައްތަ ފަތުރުވެރިން ރާއްޖެ އަންނަނީ ޖޯޑެއްގެ ގޮތުގައި ނުވަތަ އާއިލާއާއެކުގައެވެ. މީގެ ތެރެއިން 65 އިންސައްތަ މީހުންނަކީ ހަމައެކަނި ބައިވެރިޔާއާއެކު އަންނަ މީހުންނެވެ. މިއީ ރާއްޖެއަކީ ރޮމޭންޓިކް ޗުއްޓީތަކަށް އެންމެ މަގުބޫލު އެއް މަންޒިލްކަން ކަށަވަރުކޮށްދޭ ކަމެކެވެ. އާއިލާއާއެކު އަންނަ މީހުންގެ ނިސްބަތަކީ 12 އިންސައްތައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއެކު އަންނަ 10 އިންސައްތަ އާއި، އާއިލާގެ އެކި ޖީލުތަކުގެ މީހުންނާއެކު އަންނަ ދެ އިންސައްތަ ހިމެނެއެވެ. އެކުވެރިންނާއެކު ނުވަތަ އެކުވެރިންނާއި އާއިލާ ހިމެނޭ ގްރޫޕްތަކުގައި އަންނަ މީހުންގެ ނިސްބަތަކީ 13 އިންސައްތައެވެ. އަދި އެކަނި ދަތުރުކުރާ މީހުންގެ ނިސްބަތަކީ އަށް އިންސައްތައެވެ. މީގެ އިތުރުން ދެ އިންސައްތަ މީހުންނަކީ އިންތިޒާމުކުރެވިފައިވާ ޓުއާ ގްރޫޕްތަކުގައި ނުވަތަ ސްޓަޑީ ގްރޫޕްތަކުގައި އަންނަ މީހުންނެވެ.
މި ސާވޭއިން ހާމަވި އަނެއް މުހިންމު ކަމަކީ ރާއްޖެއަށް ތަކުރާރުކޮށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަ ކަމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަންނަ ކޮންމެ ހަތަރު ފަތުރުވެރިއަކުން އެކަކީ ކުރިންވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހެކެވެ. އެގޮތުން 73 އިންސައްތަ މީހުންނަކީ އަލަށް ރާއްޖެ އައި މީހުންނަށް ވާއިރު، 20 އިންސައްތަ މީހުން ވަނީ ދެ ފަހަރާއި ފަސް ފަހަރާ ދެމެދުގެ އަދަދަކަށް ރާއްޖެ އައިސްފައެވެ. އަދި ތިން އިންސައްތަ މީހުންނަކީ ދިހަ ފަހަރަށް ވުރެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވާ މީހުންނެވެ. މީގެ އިތުރުން، ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 81 އިންސައްތަ މީހުން، އެހެން މަންޒިލަކަށް ދިއުމާމެދު ވިސްނާފައި ނުވާކަން ވެސް ސާވޭއިން ވަނީ ދައްކާފައެވެ. އެހެން މަންޒިލްތަކަށް ދިއުމަށް ވިސްނި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޚިޔާރުކުރަން ވިސްނީ ސްރީލަންކާ އަދި ތައިލެންޑަށެވެ.
މި ތަފާސްހިސާބުތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވަނީ ގުޅުންތަކާއި ތަޖުރިބާތަކުގެ މައްޗަށެވެ. ޚާއްސަކޮށް، މަތީ އާމްދަނީ ލިބޭ ޕްރޮފެޝަނަލުންނާއި ވިޔަފާރިވެރިން ގިނަ އަދަދަކަށް ރާއްޖެ ޒިޔާރަތްކުރުމަކީ، ރާއްޖޭގެ ޕްރީމިއަމް އަދި ލަގްޒަރީ ފަތުރުވެރިކަމުގެ ޑިމާންޑް ބޮޑުކަން އަންގައިދޭ ކަމެކެވެ. މީގެ އިތުރުން، ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 78 އިންސައްތަ މީހުންނަކީ އެ މީހުންގެ އެންމެ ފުރަތަމަ ޗޮއިސްގެ ގޮތުގައި ރާއްޖެ ޚިޔާރުކުރާ މީހުންނެވެ.
މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދައްކައިދޭ ކަމެކެވެ. ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ސިޔާސަތުތައް އެކުލަވާލުމުގައި މި މައުލޫމާތުތަކުގެ ބޭނުން ހިފާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި ސާވޭގެ ނަތީޖާތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މިނިސްޓްރީން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.