ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް ވެރިކަންކުރާ ޕާޓީ, އެމްޑީޕީން މަސައްކަތް ފަށައިފިއެވެ.

ޖުމްލަ 54 މެންބަރުގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ނަގާފައެވެ.

އެނގިފައިވާ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ މެންބަރުން އަންނަނީ ސޮއި ހަމަ ކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް 'ސަން' އަށް ވިދާޅުވީ, މަޖިލީހުގެ ރިޔާސަތާ ގުޅޭ މައްސަލައެއް ޕީޖީއަށް ހުށަހަޅާފައިވާ ކަމަށާއި މާދަމާ އޮންނަ ޕީޖީ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

"އަދި މިހާތަނަކަށް ނެތް ޕީޖީ ގްރޫޕުން ނިންމާފައެއް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާކަށް," އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ޕީޖީއަށް ހުށަހަޅާފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަންނަނީ އެ މައްސަލަ ހުށަހެޅޭވަރަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ 45 މެންބަރުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެ ކުރިން އެމްޑީޕީން ހުށަހެޅި ނަމަވެސް އެ މައްސަލަ އަނބުރާ ނަގާފައިވަނީ މަސްލަހަތަށް ބަލައި ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ ޑިމޮރެޓްސްގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވެ އެމްޑީޕީން ވަނީ އެ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ނާކާމިޔާބުވެފައެވެ.

އެއާ އެކު އެމްޑީޕީގެ މެންބަރުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ވަނީ ނަޝީދާއި ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދެ ރައީސުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްކޮށް ހުށަހަޅާފައި އޮތުމުން އޭގެ ތެރެއިން އެކެއްގެ މައްސަލަ އަނބުރާ ގެންދިއުމަށް މީގެ ކުރިން ނަޝީދު އައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، ދެވަނަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ.

އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ބަދަލު އައެވެ.

ދެވަނަ ދައުރުގައި މަޖިލީހުން އެޖެންޑާ ކޮށްފައިވާ ގިނަ މަސައްކަތްތައް ނުނިމުނު ނަމަވެސް ޖަލްސާތައް މެދުކެނޑި، މަރުތަޅަކަށް ދިޔައީ އެމަނިކުފާނާއި ކޮއްކޯފުޅު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ހުރަސް އަޅުއްވަން ނަޝީދު އަޑީގައި ހުންނަވައި ކުރެއްވި މަސައްކަތުން ކަމަށް ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް