ކޮރަޕްޝަނަށް މަގުފަހިވާ ކުއްލި ކަންތައްތަކެއް ނިންމާކަމުގެ ގިނަ ޝަކުވާތަކެއް އޭސީސީއަށް

އޭސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --

ރިޔާސީ އިންތިޚާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުން ދާ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެ ކަމާ ގުޅުވައި، ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ގޮތްތަކެއް ވަނީ އަންގައިފައެވެ.

އޭސީސީއިން އެންގި ކަންތައްތައް:

  • މުޅިން އައު ޕްރޮޖެކްޓްތައް ނުފެށުން
  • ޚަރަދުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރަމަށާއި ކުރަން ޖެހޭ ޚަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރުން
  • ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭޏްކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުގައި ސޮއި ނުކުރުން
  • ނިންމާ ނިންމުމުގެ ސަަބަބުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެފަދަ ނިންމުންތައް ނުނިންމުން
  • ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، ފައިސާއާއި ވިޔަފާރިއާއި މުއާމަލާތްތަކާ ގުޅުން ހުރި އެއްވެސް ލިޔެކިޔުމެއް ނައްތައިނުލުން

މި ކަންކަމަށް އޮފީސްތަކާއި އިދާރާތަކާއި ކުންފުނިިތަކާއި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަމާލުކަން ދެއްވުމަށް އޭސީސީން ވަނީ ގޮވައިލައިފައެވެ.

އެ ކޮމިޝަންގެ ބަޔާނުގައި ވަނީ މި ދަނޑިވަޅުގައި އެ ފަދަ އެއްވެސް ކަމެއް ހިނގަމުންދާކަމުގެ މައުލޫމާތު އެނގިއްޖެނަމަ ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި އޭސީސީއިން ގެންދަނީ އެ ފަދަ ކަންކަމަށް ފާރަވެރިވެ ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކޮމިޝަނުން އެފަދަ އަމަލުތައް ހުއްޓުވުމަށް ޓަކައި އަޅާންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ވަނީ ދީފައެވެ.

ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒެވެެ.

އިންތިޚާބީ ރައީސަކަށް މުއިއްޒު ވެވަޑައިގެންނެވުމާއެކު ވެރިކަން ބަދަލުވުމުގެ މަރްހަލާގައި، ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް ޚާއްސަ ޓީމެއް ނެންގެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޞާލިޙް އިއްޔެ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް