އާ ރައީސަށް ފުރުސަތު ދޭން ޖެހޭ، މި ވަގުތު ނިޒާމު ބަދަލުކުރަން ތާއީދެއް ނޫން: ރައީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

އާ ދައުރަކަށް ރައީސަކު އިންތިޚާބުވެފައި ވަނިކޮށް، ރައީސްގެ ދައުރަށް ބަދަލު އަންނާނެހެން ގާނޫނު އަސާސީ ބަދަލުކުރުމަކީ ރަނގަޅުގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނިޒާމީ ބަދަލެއް ގެނައުމަކީ މި ވަގުތު އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާނަމަ، ރައީސްގެ ދައުރަށް ބަދަލު އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަސް އަހަރަށް ރައީސަކު އިންތިޚާބުކޮށްފައި އެބަ ހުރި، އެ ޖާގަ ހަނިވާ ގޮތަށް އަޅުގަނޑުމެންނަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކެން،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ނިޒާމީ ވޯޓެއް ނެގުމަށް ހުށަހަޅާފައި ވަނީ، ސަރުކާރު ބަދަލުވާ މުއްދަތުގެ ތެރެއިން، މި މަހުގެ 30ގެ ކުރިންނެވެ.

އެ މަނިކުފާނު ވިދާޅުވީ، އެފަދަ ބަދަލެއް ގެނައުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ތާއީދާއެކު ފޮނުވަންޖެހޭ ކަމަށެވެ. އެ ގޮތަށް ފާސްކުރުމަށް ފަހު ފޮނުވައިފި ނަމަ، ނިޒާމީ ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، އަމިއްލަ ހައިސިއްޔަތުން ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑު ޕާސަނަލީ ދެކެނީ، ގަބޫލު ކުރަނީ، ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރިޔާސީ ނިޒާމެއް ކަމަށް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުމަކީ" އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ އިންތިޚާބީ ރައީސް، ޑރ. މުއިއްޒުއަށް ފުރުސަތު ލިބެން ޖެހޭ ކަމަށާއި، ނިޒާމީ ވޯޓު ނެގުމާ ދެކޮޅު ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އެ ގަރާރު މަޖިލީހުން ފާސްކޮށްފައިވަނީ އެމްޑީޕީގެ މެންބަރުންގެ ވޯޓާ ވެސް އެކުއެވެ. އެ ގަރާރު މަޖިލީހަށް ހުށަހެޅި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން އެންމެ ފަހުން ބުނެފައިވަނީ އެ މައްސަލައިގައި ކުރިއަށްދާނީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ މަޝްވަރާއާ އެކުގައި ކަމަށެވެ.

comment ކޮމެންޓް