ސީޒަންއާއި ޔޫއްޕެގެ ނަމޫނާ ފޮޓޯއެއް، މީގެ ފަހަތުގައި ވަނީ އެންމެންނަށް ނަސޭހަތެއް

ޔޫއްޕެއާއި ސީޒަން އެކުގައި ނަގާފައިވާ ފޮޓޯ --

ފޭސްބުކުގައި ވައިރަލް ވި ވަރަށް ތަފާތު ފޮޓޯއެކެވެ. ފެންނަނީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ކުޅަދާނަ ދެ ފިރިހެން އެކަޓަރުން ކަމަށްވާ އަލީ ސީޒަން އާއި ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފޮޓޯގައި ޔޫއްޕެ ތިން އިނގިލި ދައްކައިގެން އިން އިރު، ސީޒަން ދައްކައިގެން އިނީ ހަތަރު އިނގިއްޔެވެ. މި މީހުން މި ދައްކަނީ އެއްގޮތަކަށް ވެސް އެމީހުންގެ އިނގިލިތަކެއް ނޫނެވެ. ހާމަ ކޮށްދެނީ އެ މީހުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓެވެ.

ޔޫއްޕެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރާއިރު ސީޒަން ތާއީދު ކުރަނީ ޑރ. މުޙައްމަދު މުއިއްޒަށެވެ.

މި ދުވަސްވަރަކީ މުޅި މި ގައުމުގައި ވެސް ސިޔާސީ ފޯރި ވަރަށް ގަދަ ދުވަސްވަރެކެވެ. އުމުރު ދުވަހު އެކުގައި އުޅުނު ރައްޓެހިން ވެސް ދެ ފިކުރަކަށް ތާއީދު ކުރާނަމަ މިހާރު ކުރަނީ ޒުވާބެވެ. ބައެއް ރަށްރަށުގައި ސިޔާސީ ފޯރި މާ ގަދަވެ، ހަމަ ނުޖެހުން ވެސް ހިނގާފައި އެބަހުއްޓެވެ.

ނަމަވެސް ޔޫއްޕެއާއި ސީޒަން މި ބުނެދެނީ ތަފާތު ވާހަކައެކެވެ. އެ ދެ މީހުން މި ފޮޓޯ ނަގާފައި ވަނީ އެކުގައި އެއް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. ދެ ފިކުރަކަށް ތާއީދުކޮށް އަޑު އުފުލާ ދެމީހުން މަސައްކަތުގެ މާހައުލުގައި މިތިބީ އެ ފިކުރު އެއްފަރާތް ކޮށްގެންނެވެ.

މި ފޮޓޯއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ، މި ފޮޓޯއިން ދައްކުވައިދެނީ ޚިޔާލު ތަފާތު ވިއަސް އެކުގައި މަސައްކަތްކޮށް ގުޅުން ބަދަހި ކުރެވޭނެކަން ކަމަށެވެ.

"މިފަހަރު ދެމީހުން ދެކޮޅެއްގަ މި މަސައްކަތް ކުރަނީ. ހާމަކޮށްދޭން ބޭނުންވަނީ ސިޔާސީ ގޮތުން ދެމީހުން ދެ ފިކުރަކަށް ވިޔަސް ވެސް، އެންމެންނާ ވެސް އެބަ ޖެހެޔޭ އެކުވެރިކަން އޮންނަން،" ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ ސިޔާސީ ކަންކަމުގައި ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަން އޮންނާނެ ކަމަށެވެ. އަދި އެމީހަކު ބޭނުން މީހަކަށް ތާއީދު ކުރެވޭނެ ކަމަށާއި ކޮންމެ މީހަކަށް ތާއީދު ކުރި ނަމަވެސް ގުޅުންތައް ކެނޑޭ ހިސާބަށް ގޮސްގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެގޮތުގެ މަތިން އޭނާއާއި ސީޒަން ވެސް ސިޔާސީ ގޮތުން ޚިޔާލު ތަފާތު ނަމަވެސް އެ ޚިޔާލަށް އިހުތިރާމް ކުރާކަމަށް ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ އެންމެ ފަހުވަގުތު ގާތުގައި ތިބޭނީ ހަމަ ތިމާގެ ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުން ކަމަށެވެ.

މިއީ ދިވެހިން ނަމޫނާއަކަށް ބަލަންޖެހޭ ފޮޓޯ ގަނޑެކެވެ. މި ދުވަސްވަރު ސިޔާސީ ގޮތުން ގައުމު ހަލަބޮލި ވެފައި ވާއިރު، ސިޔާސީ ވެގެން ގުޅުންތައް ކަނޑާ ހިސާބަށް ގެންދިއުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.

comment ކޮމެންޓް