އިރާގުގައި ކައިވެނީގެ ހަފުލާއެއްގައި އަލިފާނުގެ ހާދިސާއެއް، 113 މަރު

ކައިވެނީގެ ހަފްލާ ބޭއްވި ތަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން އަނދަނީ

ބަޣްދާދު (27 ސެޕްޓެމްބަރު 2023): އިރާގުގެ އުތުރުގެ ޕްރޮވިންސެއްކަމަށްވާ ނައިނަވާގެ ރަށެއް ކަމަށްވާ އަލްހަމަދާނިއްޔާގައި ކައިވެނީގެ ހަފުލާއެއް ބޭއްވި ތަނުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި ހިނގުމުގެ ސަބަބުން އިއްޔެ 113 މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ މިއަދު ބާއްވައިފައިވާއިރު އެ ޖަނަޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މި ހާދިސާއާ ގުޅިގެން އިރާގުގައިވަނީ ތިން ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާނުކޮށްފައެވެ.

އަލިފާނުގެ މިހާދިސާގައި މަރުވި ގިނަ މީހުންނަކީ އިރާގުގެ ނަސާރާއިންނެވެ. ކައިވެނިކުރި އަންހެން މީހާއާއި ފިރިހެން މީހާ އަކީވެސް ނަސާރާ ދީނަށް ނިސްބަތްވާ ދެމީހުންނެވެ.

އަލިފާނުގެ ހާދިސާގައި އެ ދެމީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް އެކަން ކަށަވަރެއް ނޫނެވެ. އަނެއްބައި ރިޕޯޓްތައް ބުނާގޮތުން ކައިވެނިކުރި ދެ މީހުންވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި އެދެމީހުން ވަނީ އަލްހަމަދާނިއްޔާގެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ.

މި ހާދިސާގައި 150 މީހެއްގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވެއެވެ. އެމީހުން ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށް ގެންދަނީ ފަރުވާދެމުންނެވެ.

އެހާދިސާގައި މަރުވި މީހެއްގެ ސަންދޯކުގެ ކައިރީގައި ބަޔަކު ހިތާމަ ފާޅުކޮށް ރޮނީ

ކައިވެނީގެ ހަފުލާގެ ތެރެއިން އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބަކީ ހަފުލާ ބޭއްވި ތަނުގައި ބަޑިބޭހުގެ ކުޅިވަރުތައް ކުޅުމާއި އެތަނަކީ ފަސޭހައިން އަލިފާން ހިފާބާވަތުގެ ކޮލިޓީދަށް ޕްލާސްޓިކާއި އެނޫންވެސް ދެރަވަރު ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ތަނަކަށް ވުންކަމަށް މުރާސިލުންނާ އަދި މަންޒަރު ދުށްމީހުންނާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.

އިރާގުގެ ސިވިލް ޑިފެންސް އާބެހޭ އިދާރާއިން ވަނީ އަލިފާނުގެ ހާސިދާ ހިނގި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފައެވެ.

ކައިވެނި ހަފުލާ ބޭއްވި އިމާރާތަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ އިމާރާތެކެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވިފައި ވަނީވެސް ވަރަށް ގިނައިރުންނެވެ. އެއީ އެތަން ހަދާފައިވަނީ އަލިފާން ހިފާ ބާވަތުގެ ޕްލާސްޓިކް ތަކެއްޗާއި އެނޫންވެސް އެބާވަތުގެ މާއްދާތައް ބޭނުންކޮށްގެން ކަމަށްވާތީއެވެ.

މި ހާދިސާގައި އެ އިމާރާތުގެ ފުރާޅާއި އިމާރާތް އެއްކޮށް ކަހަލަ ގޮތަކަށް ވެއްޓިފައިވާއިރު، އެ ތަނުގެ ދަށުގައި ތާށިވެފައިވާ މީހުން ނެގިއިރު އެމީހުންވެސްވަނީ މަރުވެފައެވެ. ނަމަވެސް އިމާރާތުގެ ބައިތަކުގެ ތެރޭގައި އިތުރު މީހުންގެ ހަށިތައް އަދިވެސް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް ނައިނަވާގެ ގަވަރުނަރުގެ ނައިބު ހަސަން އަލަގު ވިދާޅުވިއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި މި ހާދިސާގައި މަރުވިކަން އަދި ކަށަވަރުވެފައިވަނީ 113 މީހެކެވެ. އަދި 150 އަށްވުރެ ގިނަ މީހުންނަށް ފިހިފައިވާއިރު މި ހާދިސާގައި މަރުވާ މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް