ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ އިރާގުގެ އެއާލައިނަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ފްލައި ބަޣްދާދުގެ ބޯޓެއް. ފޮޓޯ/އިރާން ނޫސް

އީރާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ހަތިޔާރާއި ހަނގުރާމަވެރިން ފޯރުކޮށްދޭ ކަމަށް ބުނެ އިރާގުގެ ބަޖެޓް އެއާލައިން، ފްލައި ބަޣްދާދަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ)ން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވާ ކުންފުނިތަކުގެ ލިސްޓަށް ފްލައި ބަޣްދާދު ހިންގާ ކުންފުނި ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ފްލައި ބަޣްދާދާއި އެ އެއާލައިންގެ ސީއީއޯ ބަޝީރު އަބްދުލްކާދިމް އަލްވާން އަލް ޝައްބާނީ އަށެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އީރާނުގައި ހަރަކާތްތެރިވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް-ޤުދުސް ފޯސް (އައިއާރުޖީސީ-ކިއުއެފް)އާއި އެ އެ ޖަމާއަތުގެ އިތުރު ގޮފިތަކަށް ހަތިޔާރާއި ހަނގުރާމަވެރިން ފޯރުކޮށްދިން ކަމަށް ރިޕޯޓު ލިބުމުންނެވެ.

އެ އެއާލައިންގެ މައްޗަށް ތުހުމަތު ކުރެވެނީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަނގުރާމަވެރިންނާއި ފައިސާގެ އިތުރުން ހަތިޔާރު ވެސް ފޯރުކޮށްދޭ ކަމަށެވެ. އެ ހުރިހާ އެއްޗެއް ބޭނުންކުރަނީ ސޫރިޔާގައި ހަރަކާތްތެރިވާ އައިއާރުޖީސީ-ކިއުއެފްއާއި ސޫރިޔާގައި ހަރަކާތްތެރިވާ އެހެން ހަތިޔާރުއެޅި ޖަމާއަތްތަކެވެ. އޭގެ ތެރޭގައި ސޫރިޔާން އެރެބް ރިބަޕްލިޝަން ގާޑާއި، ހިޒުބުﷲ ވެސް ހިމެނެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ އެއާލައިންގެ ހުރިހާ މުދަލަކާއި އެއާލައިނާ ގުޅުންހުރި މީހުންނަށް އެމެރިކާއަށް ނުވަދެވޭގޮތް ހެދޭނެއެވެ. އަދި, އެމެރިކާގައި އުޅޭ އެއްވެސް މީހަކު އެ އެއާލައިނާ މުއަމާލާތްކުރުމަކީ ވެސް މަނާކަމެކެވެ.

comment ކޮމެންޓް