އެމެރިކާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތަކަށް އިރާގާއި އެމެރިކާ އެއްބަސްވެއްޖެ

އިރާގުގައި ހަރަކާތްތެރިވާ އެމެރިކާއާއި، ގުޅިފައިވާ ސިފައިން. ފޮޓޯ/ރޮއިޓާސް

އިރާގުގައި ހަރަކާތްތެރިވާ އެމެރިކާއާއި، ގުޅިފައިވާ ސިފައިންގެ ލަޝްކަރު އިރާގުން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އިރާގާއި އެމެރިކާއިން އެއްބަސްވެއްޖެއެވެ.

މަޝްވަރާތައް ކުރުމަށް އެމެރިކާއިން އެއްބަސްވެފައި ވަނީ އިރާގުގައި ތިބި ސިފައިން އެގައުމުން ވީހާވެސް އަވަހަކަށް ފޭބުމަށް އިރާގުގެ ބޮޑު ވަޒީރު މުޙައްމަދު ޝިޔާޢު އަލް ސުދާނީ ގޮވައިލައްވައިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ސިފައިން ބޭލުމުގެ މަޝްވަރާތައް ކުރުމަށް ކޮމެޓީއެއް އުފެއްދުމަށްވެސް އިރާގުން ވަނީ ނިންމައިފިއެވެ.

މަޝްވަރާތައް ކުރިއަށްދާނީ އިރާގުގެ ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނަލް ޝަރުތުތަކާއި ފައިދާއާއި އެމީހުންނަށް ކުރިމަތިވާ ނުރައްކާތައް ވަޒަންކުރުމަށް އަސްކަރީ އޮފިޝަލުންގެ މެދުގައެވެ.

ނަމަވެސް މަޝްވަރާތަކަށް ގިނަ ދުވަސް ނަގާނެ ކަމަށް ދެ ގައުމުގެ އޮފިޝަލުން ބުނެއެވެ.

އިރާގުގެ ސަލާމަތަށާއި ހަމަޖެހުމަށް އެމެރިކާއާއި ގުޅިފައިވާ ސިފައިން އެ ގައުމުން ފޭބުން މުހިންމު ކަމަށާއި އެއާ އެއްވަރަށް ގުޅިފައިވާ ގައުމުތަކާއި އިރާގާ ދެމެދު އޮތް ހަރުދަނާ ގުޅުން ދެމެހެއްޓުން ވެސް މުހިންމު ކަމަށް ސުދާނީ ވިދާޅުވިއެވެ.

އެމެރިކާއާއި، ގުޅިފައިވާ ލަޝްކަރު އިރާގުން ފޭބުމަށް ގޮވައިލައިފައި ވަނީ އެމެރިކާގެ އަސްކަރީ ބާރުތަކުން އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެމެރިކާއިން އެ ހަމަލާދިނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އެ ޖަމާއަތްތަކުން ދޭ ހަމަލާތަކުގެ ރައްދުގައެވެ.

އައިއެސްއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިރާގުގައި އެމެރިކާގެ 2,500 ސިފައިން ހަރަކާތްތެރިވެއެވެ. އަދި، ސޫރިޔާގައި ވެސް އެމެރިކާގެ 900 އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްއާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައިވަނީ 2014 ވަނަ އަހަރު އެ ޖަމާއަތުން އިރާގާއި ސޫރިޔާގެ ބިންތަކަށް އަތްގަދަ ކުރުމުންނެވެ.

comment ކޮމެންޓް