ޣާޒީ ބިލްޑިން ހުރި ބިމުގައި އަޅާ ޕާކިން އަދިވެސް ނުނިމޭ

ޣާޒީ ބިލްޑިން ހުރި ބިން ހުސްކޮށްފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

ޣާޒީ ބިލްޑިން ހުރި ބިމުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޕާކިން ޒޯނުގެ މަސައްކަތް ނުނިމި ދިގުދެމިގެންދާން ފަށައިފިއެވެ.

ޣާޒީ ބިލްޑިން ތަޅައިލުމުގެ މަސައްކަތް ފެށީ ޖޫން މަހުގެ 14ވަނަ ދުވަހެވެ. އެ ކަން ފެށީ އެ ތަނުގައި ވީ އެންމެ އަވަހަކަށް ނިންމާ ގޮތަށް ޕާކިން ޒޯނެއް އެޅުމަށެވެ.

މިހާރުއެ ތަނުގައި ހުރި ބިލްޑިން ނެގިފައިވާއިރު ތަން ހުރީ ހުސް ބިމެއްގެ ގޮތުގައެވެ. ނަމަވެސް އަދިވެސް އެ ތަން ޕާކިން އެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށައިފައެއް ނުވެއެވެ.

ޣާޒީ ބިލްޑިން ހުރި ބިން ހުސްކޮށްފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އެގޮތުން ބިން ސާފުކުރުމުގެ މަސައްކަތް ވެސް އަދި ނުފެށެއެވެ.

"މިހާރު މި އޮތީ އަޅުގަނޑުމެންގެ އޮފީސް ކުރިމަތި [ވެލާނާގެ] އޮތް ޕާކިން ވެސް ފުރިފައި. އަދި ވެސް އެންމެ ރަނގަޅު ހައްލެއް ލިބޭނެހެން ހީވަނީ މި ތަން ވީހާ ވެސް އަވަހަކަށް ނިމުމުން،" ފުރިފައި އޮތް ހުރަވީ ޕާކިންއަށް ނިސްބަތްކޮށް، ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

ޕާކިން ޒޯނުގެ މަސައްކަތާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ހޯދައިލުމަށް މަސައްކަތްކުރުމުން ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

ޕާކިންގެ މައްސަލަ މާލޭގައި ބޮޑުވެފައި ވާއިރު، ސަރުކާރު އޮފީސްތައް ހިންގި ހުރަވީ ބިލްޑިން ވެސް މިދިޔަ އަހަރު ވަނީ ތަޅާލައިފައެވެ.

އެ އިމާރާތް ވެސް ތަޅާލީ ބާވެ ބޭނުން ނުކުރެވޭ ވަރު ވުމުންނެވެ. އަދި ތަޅާލުމަށް ފަހު، އެ ބިމުގައި ވެސް ވަނީ ޕާކިން ޒޯނެއް ހަދައިފައެވެ. މިހާރު އެ ޕާކިން ޒޯނު އަންނަނީ ބޭނުންކުރަމުންނެވެ.

comment ކޮމެންޓް