ގަވައިދާ ޚިލާފަށް ޕާކުކުރާ ނަމަ އަނެއްކާވެސް ފިޔަވަޅު އަޅަން ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ކާރުތައް ޕާކުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އިނާހު

މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ބަޔާނެއްގައިވާ ގޮތުން މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވައިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.

އެހެންވެ، ފުލުހުން އެދުނީ މާލޭއާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި މެނުވީ ޕާކު ނުކުރުމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އެއީ:

  • ގްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް
  • މަގުތަކާއި ގޯޅިތަކުގެ ކަންމަތި
  • ސްކޫލުތައް ހިމެނޭ ސަރަހައްދު
  • އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖުތަކުން ވަދެނުކުމެހަދާ ފަރާތްތަކަށް ދަތިވާނެހެން ޕާކުކުރުން

ފުލުހުން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭނީ ޓޯ ކުރުމާއި، ޖޫރިމަނާ ކުރުން ކަމަށެވެ.

މާލޭ ސަރަހައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ގާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސައިލައިފައިވާކަން ފުލުހުން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުގެ އަށެއްގައެވެ. އޭގެ ފަހުން މަގުތަކުގެ ދެ ފަރާތުގައި ގިނަ އުޅަނދުތަކެއް ޕާކުކުރަމުން ދިޔުމުން ހިނގާ މީހުންނަށާއި ދުއްވާ މީހުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ޕާކިން ޖާގަ އިތުރުކުރުމަށް ޓަކައި އަނެއްކާ ވެސް މާލޭގައި ޕާކިން ބިލްޑިންތައް އަޅަން މިހާރުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. ވެހިކަލް ތޮއްޖެހުމުގެ މައްސަލަ މާލޭ ސަރަހައްދުގައި ބޮޑުވެ ޕާކިން ޖާގަ ނެތުން ވެފައިވަނީ ބޮޑު މައްސަލައަކަށެވެ.

comment ކޮމެންޓް