ގާކޮށީ ޕާކިންޒޯނުން ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު ހުޅުވާލަނީ

ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު -- ފޮޓޯ: ހުސައިން ފަހުމީ

ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފުތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެ ޒޯނުން ސްޓެލްކޯގެ ބޭނުމަށް ބަންދު ކޮށްފައިވަނީ މާލޭ ހިޔާ ފްލެޓްތަކާ ޖެހިގެން ބުރުޒުމަގަށްވާ ގޮތަށް އޮންނަ ސަރަހައްދެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލުހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގާކޮށީގެ ޕާކިންޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފުތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ޚިދުމަތުގެ ބައިވެރިޔާއަށްވާއިރު، އެ ކުންފުންޏަކީ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަ ކަންކަމަށް އަންނަނީ ހައްލު ހޯދައިދެމުންކަމަށް އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، މިހާރު ވެސް އެ ކުންފުނީގެ އެންމެ އިސް މަގާމުގައި ހުންނެވި ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރައްވައިފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

އޭނާ މަޤާމާ ހަވާލުވެލެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ މާލޭ މާވެޔޮ މިސްކިތް ކައިރީގައި މަގުގެ ބޮޑު ޖާގައެއް ގެއްލޭ ގޮތަށް، ޓިނު ޖަހައި ބަންދުކޮށްގެން، ބަހައްޓައިފައި ހުރި ޓްރާންސްފޯމަރުތައް ނެގުމެވެ.

comment ކޮމެންޓް