ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓްގެ ހެޑްކުއާޓަރަށް ޔުކްރެއިނުން ވަރުގަދަ ހަމަލާތަކެއްދީފި

ޔުކްރެއިންގެ ހަމަލާ އެރި ރަޝިއާގެ އިމާރާތް

ކިޔޭވް (24 ސެޕްޓެމްބަރު 2023) : ކްރައިމިޔާގައި ހުންނަ ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓްގެ ހެޑްކުއާޓަރުގައި ހިމެނޭ އިމާރާތްތަކުގެ ތެރެއިން އިމާރާތަކަށް ޔުކްރެއިނުން މިސައިލް ހަމަލާތަކެއް ދިނުމުގެ ސަބަބުން ރަޝިއާގެ އަސްކަރީ މަސްއޫލުވެރިއަކު މަރުވެ ބައެއް މީހުން ޒަޚަމްވެއްޖެއެވެ.

ޔުކްރެއިންގެ އަސްކަރިއްޔާ އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއީ ރަޝިއާގެ ކޮމާންޑް ސެންޓަރަކަށް ޔުކްރެއިނުން ހަމަލާދިން ދިން ފުރަތަމަ ފަހަރެވެ. ރަޝިއާގެ ރަސްމީ މިޑިއާއިން ވަނީ މި ހަމަލާގައި އެ ގައުމުގެ ކަޅުކަނޑުގެ ފްލީޓް ހެޑްކުއާޓަރުގައި ހިމެނޭ އިމާރާތްތަކުގެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ހާމަކޮށްފައެވެ.

ރަޝިއާގެ ރަސްމީ މިޑިއާ ބުނާގޮތުން ޔުކްރެއިނުން ފޮނުވާލި ހަ މިސައިލްގެ ތެރެއިން ފަސް މިސައިލް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލާފައެވެ. ނަމަވެސް އެއް މިސައިލް ވަނީ ކްރައިމިޔާގައިވާ ކަޅުކަނޑުގެ ފްލީޓް ހެޑްކުއާޓަރުގައި ހިމެނޭ އިމާރާތްތަކުގެ އިމާރާތަކަށް އަރާފައެވެ. ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ޔުކްރެއިންގެ ހަމަލާތަކުގައި ރަޝިއާގެ އެކަކުވަނީ ގެއްލިފައެވެ. އަދި ކޮމާންޑް ސެންޓަރުގެ އެއް އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މުރާސިލުން ބުނާގޮތުގައި ޔުކްރެއިނުން ކްރައިމިޔާގައިވާ ރަޝިއާގެ ކޮމާންޑް މަރުކަޒަކަށް ހަމަލާދިނީ ހުޅަނގުގެ ގައުމުތަކުން ޔުކްރެއިންއަށް ދޭ ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރުތަކާ އެކުވެސް ރަޝިއާގެ މައްޗަށް ޔުކްރެއިންއަށް އެއްވެސް ކާމިޔާބެއް ނުހޯދޭތީ އެ މައްސަލާގައި ހުޅަނގުން ޔުކްރެއިނަށް ފިއްތުންތައް ކުރިމަތިކުރަން ފަށާފައިވާތީއެވެ.

ހަނގުރާމަ ދިގުލަމުންދާއިރު ޔުކްރެއިންއަށް ދޭނެ ހަތިޔާރު ހުސްވާ ހިސާބަށް ދާކަމުގެ އިންޒާރުތައް ހުޅަނގުގެ ގައުމުތަކުން ޔުކްރެއިންއަށް ވަނީ ދޭން ފަށާފައެވެ.

އަނެއްކޮޅުން އެމެރިކާގެ ކޮންގްރެސް އިން ވަނީ ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ ކޮންގްރެސްއަށް ހާޒިރުކޮށް ހުޅަނގުން ދޭ ޒަމާނީ ހަތިޔާރާއެކުވެސް ރަޝިއާގެ މައްޗަށް ޔުކްރެއިންއަށް ކާމިޔާބެއް ނުހޯދޭ މައްސަލާގައި ޒެލެންސްކީއާ ވަރަށް ވަރުގަދައަށް ސުވާލުކޮށްފައެވެ. އަދި ނޭޓޯގެ ގައުމެއް ކަމަށްވާ ޕޮލެންޑުން ވަނީ ޔުކްރެއިންއަށް ދޭނެ ހަތިޔާރު ދެން ނެތްކަމަށް ބުނެ ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާފައެވެ. މިކަންކަމުގެ ސަބަބުން ރަޝިއާގެ މުހިއްމު ތަނަކަށް ހަމަލާދީ ހުޅަނގު ރުއްސުމަށް ޔުކްރެއިންއަށް ވަނީ މަޖުބޫރުވެފައެވެ.

ކްރައިމިޔާއަކީ ޔުކްރެއިންއާ އިންވެގެންވާ ސަރަހައްދެކެވެ. އެތަން ރަޝިއާ ހިފާފައިވަނީ 2014 ވަނަ އަހަރުއެވެ. ކްރައިމިޔާއަކީ ކުރިން ރަޝިއާގެ ސަރަހައްދެކެވެ. ނަމަވެސް ކުރީގެ ސޮވިއެޓް ޔޫނިޔަންގެ ދުވަސްވަރު (ޔުކްރެއިން އާއި ރަޝިއާ އިއްތިހާދީ އެއްދައުލަތެއްގެ ގޮތުގައި އޮތް ދުވަސްވަރު) ސޮވިއެޓްގެ އިއްތިހާދީ ސަރުކާރުން ވަނީ އެތަން ޔުކްރެއިންގެ ތަނަކަށް ހަދާފައެވެ.

އަސްކަރީ މުހައްލިލުން ވިދާޅުވާގޮތުގައި ކްރައިމިޔާގައި ހުންނަ ރަޝިޔާގެ ކަޅުކަނޑުގެ ފްލީޓް ހެޑްކުއާޓަރަށް ޔުކްރެއިނުން ދިން މިސައިލް ހަމަލާގެ ބަދަލު ވަރަށް ވޭންދެނިވި ގޮތަކަށް ރަޝިއާ ޔުކްރެއިންގެ ކިބައިން ހިފާނެއެވެ.

ބަދަލު ހިފުމުގެ ގޮތުން ޔުކްރެއިން ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަރުކަޒަށާއި ޔުކްރެއިންގެ ދިފާއީ ވުޒާރާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަކީ ރަޝިއާއަށް ކުރެވިދާނެ ކަމެކެވެ. އެތަންތަން ބިމާ ހަމަކޮށްލެވޭވަރުގެ ބާރުގަދަ މިސައިލް ރަޝިއާގެ އަތުގައި އެބަހުއްޓެވެ.

ޔުކްރެއިންގެ ރިޔާސީ މަރުކަޒަށްވެސް ހަމަލާދިނުމަކީ ރަޝިއާއަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިބުރުގައި އަދި ޔުކްރެއިންގެ ރިޔާސީ ގަނޑުވަރަށް ހަމަލާ ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. މަތަނުކުރެވޭ ރާޑަރަށްވެސް ނާރާ ކިންޖާލް މިސައިލް ވެސް ރަޝިއާގައި އެބަހުއްޓެވެ. މިއީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލްއެވެ.

މިހާތަނަށް ރަޝިއާ ޔުކްރެއިންގެ ހައްސާސް މަރުކަޒުތަކަށް ހަމަލާ ނުދީ އޮތީ ރަޝިއާއަށް އެކަން ނުކުރެވޭތީ ނޫންކަމަށް ވެސް މި މައްސަލާގައި ވާހަކަ ދެއްކެވި ރަޝިއާގެ އަސްކަރީ މުހައްލިލުން ވިދާޅުވިއެވެ.

comment ކޮމެންޓް