ޔޫރަޕުން އިސްވެ ހަނގުރާމައެއް ފަށައިފިނަމަ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ދާދި އަވަހަށް ބަލިކޮށްލާނަަން: ރަޝިއާ

ރަޝިއާގެ ރައީސް ޕޫޓިން: ޔޫރަޕުން އިސްވެ ހަނގުރާމައެއް ފަށައިފިނަމަ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ދާދި އަވަހަށް ބަލިކޮށްލާނެ ކަމަށް ވިދާޅުވެއްޖެ --

މޮސްކޯ (03 ޑިސެންބަރު 2025): ޔޫރަޕްގެ ގައުމުތައް ރަޝިއާ އާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އަސްކަރީ ގޮތުން ޔޫރަޕް ބަލިކޮށް ޔޫރަޕްގެ މައްޗަށް ރަޝިއާ ކާމިޔާބު ހޯދާނެކަމާއި، އެ ގާބިލުކަން ރަޝިއާގެ ކިބާގައި އެބަހުރިކަމަށް ރައީސް ވަލްދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ ރަޝިއާ އިސްވެ ޔޫރަޕާ ހަނގުރާމަ ނުފަށާނެ ކަމަށާއި މިވާހަކަ ކުރިންވެސް އެތަށް ފަހަރަކު ވިދާޅުވެފައިވާނެ ކަމުގައެވެ. އެއާއެކުވެސް ރަޝިއާއިން ޔޫރަޕާ ދެކޮޅަށް ހަނގުރާމަ ފަށާނެކަމަށް ވިދާޅުވެ ޔޫރަޕްގެ ލީޑަރުން ބަޔާންތައް ދެއްވަމުން ގެންދަވާކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ވެރިން ވިދާޅުވާ ގޮތުގައި ޔުކްރެއިން ހަނގުރާމައިގައި ރަޝިއާ ކާމިޔާބު ހޯދައިފިނަމަ ދެން ރަޝިއާގެ އަމާޒަކަށްމވާނީ ޔޫރަޕްގެ ގައުމުތަކެވެ. ޔޫރަޕަށް ބިރުދެއްކުމުގެ ގޮތުން ރަޝިއާގެ ފައިޓާޖެޓްތަކާއި ޑްރޯންތައް ޕޮލެންޑާއި ރުމޭނިއާ އަދި ބޯލްޓިކްގެ ގައުމުތަކަށާއި ސްވިޑްންފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކަށް ތަކުރާރުކޮށް ވަންނަމުންދާކަމަށް ވެސް ޔޫރަޕްގެ ލީޑަރުން ތުހުމަތު ކުރައްވައެވެ.

ނަމަވެސް މިއީ ހަގީގަތެއް ނޫންކަމަށް ބުނެ ރަޝިއާ މިކަން ދޮގު ކުރެއެވެ.

ރަޝިއާ ދެކޭގޮތުގައި ޔުކްރެއިން ހަނގުރާމައަކީ ޔޫރަޕްގެ ގައުމުތައް ފަހަތުގައި ތިބެގެން ކުރުވާ ހަނގުރާމައެކެވެ. ހަނގުރާމަ އިސްވެ ފެށީ ރަޝިއާ ކަމަށް ވިޔަސް ރަޝިއާ ދެކޭގޮތުގައި ރަޝިޔާ ހަނގުރާމަ ފަށާ ހިސާބަށް ކަންތައް ގެންދިޔައީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި ހަނގުރާމަ ދިގުދެންމުމަށްޓަކައި ޔުކްރެއިންގެ ބޮލަށް ސަވާރުވަނީ ވެސް ޔޫރަޕްގެ ގައުމުތަކުންނެވެ.

ހަނގުރާމަ ދިގު ދެމިގެން ދަނީ ރަޝިއާގެ ގައުމީ މަސްލަހަތަށް ނުރައްކާވާ މިންވަރަށް ޔޫރަޕްގެ ބާރުތައް ޔުކްރެއިންގެ ތެރެއަށް ވަނުމާއި ނޭޓޯގެ ގައުމަކަށް ޔުކްރެއިން ހެދުމަށް ޔޫރަޕްގެ ގައުމުތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ރަޝިއާ ދެކެއެވެ.

ޔުކްރެއިންއަށް ދެފަހަރެއްގެ މަތިން މަދަނީ އިންގިލާބުތައް ގެނެސް ރަޝިއާ އާ އިދިކޮޅު ސަރުކާރުތައް ޔުކްރެއިންގައި ގާއިމުކުރުމުގެ ފަހަތުގައި ވަނީ ޔޫރަޕްގެ ގައުމުތައް ކަމަށް ރަޝިއާ ދެކެއެވެ. އަދި ޔުކްރެއިންގައިވާ ރަޝިއާ ދަރިކޮޅުގެ މީހުންނަށް ގޯނާކޮށް އެމީހުންގެ ހައްގުތައް ނިގުޅައިގަތުމުގެ ހަރުކަށި ސިޔާސަތެއް ޔުކްރެއިނުން ގެންގުޅެން ފެށީވެސް ޔޫރަޕްގެ ބާރުތައް ފަހަތުގައި އޮވެގެންކަމަށް ރަޝިއާ ދެކެއެވެ.

ރަޝިއާގެ ސަރަހައްދީ ރޮނގާ ގާތަށް ނޭޓޯ ފުޅާނުކުރުމަށް އެމެރިކާއާއި ޔޫރަޕް ހިމެނޭ ގޮތަށް ހުޅަނގުގެ ބާރުތަކާއި ރަޝިއާއާ ދެމެދު 1990 ގެ ފަހުކޮޅުވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް މި އެއްބަސްވުމާ ޚިލާފަށް ރަޝިއާ ސަރަހައްދީ ރޮނގު ގުޅިފައިވާ ބޯލްޓިކްގެ ތިން ގައުމުކަމަށްވާ އިސްޓޯނިއާ ލިޓުއޭނިއާ އަދި ލަޓްވިޔާ ނޭޓޯއަށް ވައްދައި ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ވަނީ ފުޅާކޮށްފައެވެ. މި މައްސަލައިގައި ރަޝިއާ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

އެއަށްފަހު ރަޝިއާ ވަނީ ޔުކްރެއިން ނޭޓޯއަށް ވައްދަން މަސައްކަތްކުރާނަމަ އެކަމަށް ރައްދު ނުދީ މަޑުން ނޯންނާނެ ކަމުގެ ގިނަ އިންޒާރުތަކެއް ދީފައެވެ. ނަމަވެސް ޔުކްރެއިން ނޭޓޯއަށް ވެއްދުމުގެ މަސައްކަތްވެސް އެމެރިކާއާއި ޔޫރަޕްގެ ބާރުތައް ގެންދިޔައީ ކުރަމުންނެވެ. ނަތީޖާއަކީ އެކަން ހުއްޓުވުމަށްޓަކައި ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށުމެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ހަނގުރާމަ ކުރަމުންދާތާ ހަތަރު އަހަރާ ގާތްވެފައިވާއިރު ރަޝިއާ ވަނީ ޔުކްރެއިންގެ ގަތްގަނޑަކަށް 22 އިންސައްތަ ބިން ރަޝިއާގެ ބާރުގެ ދަށަށް ގެނަސްފައެވެ. މި ބިންތަކަކީ މައިގަނޑު ގޮތެއްގައި ރަޝިއާގެ ދަރިކޮޅުގެ މީހުން ގެ އަޣްލަބިއްޔަތު އޮންނަ ބިންތަކެވެ. އޭގެތެރޭގައި ދުންބާސް ސަރަހައްދާއި ޚަރްކިޔޭވް އާއި ޒަޕަރޫޖިއާ ހިމެނެއެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާ ވަނީ ކްރައިމިޔާ ސަރަހައްދުވެސް އެގައުމުގެ ބާރުގެ ދަދަށް ގެނަސްފައެވެ. ކްރައިމިޔާ އަކީ ރަޝިއާގެ ކަނޑުގެ ބާރުތަކުގެ މައި މަރުކަޒެވެ. އެތަނުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ރަޝިއާ ނަސްލުގެ މީހުންނެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ ރަޝިޔާއިން ވަރުގަދަ ހަމަލާތަކެއްދީ ޔޫރަޕްގެ ގައުމުތައް ބަލިކޮށްލާނެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ހަނގުރާމަ ހުއްޓުވުމާބެހޭގޮތުން ރަޝިއާ މަޝްވަރާއެއް ކުރާނެ އިތުރު ފަރާތެއް ވިލާތުގައި ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދިފާއި ހުރިހާކަމެއް އެމެރިކާ އާ ހަވާލުކޮށްގެން އެމެރިކާއަށް ބަރޯސާވެ އަސްކަރީ ކަންކަމާ މުޅިން ދުރުގައި ތިބޭގައުމުތަކެކެވެ. ނަތީޖާއެއްގެ ގޮތުން އަސްކަރީ ގޮތުން ޔޫރަޕަށް ޑޮމިނޭޓްކޮށްފައިވަނީ އެމެރިކާއެވެ. މުޅި ޔޫރަޕްގައިވަނީ އެމެރިކާގެ ސިފައިންނާއި އެމެރިކާގެ އަސްކަރީ ބޭސްތަކެވެ. މިކަމުގެ ސަބަބުން ޔޫރަޕްގެ ދެތިން ގައުމެއްގައި ނޫނީ ހަނގުރާމައެއް ކުރެވޭވަރުގެ ލަޝްކަރުތަކެއްވެސް ނެތެވެ.

ދާދިފަހުން ޖަރުމަނުގައި ކުރި ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އެގައުމުގެ 80 މިލިޔަން މީހުންގެ އާބާދީގައި ސިފައިންގެ ތެރެއަށް ވަންނަން ބޭނުންވާ ޒުވާނުންގެ ނިސްބަތް އެއްޕަސެންޓަށް ވުރެވެސް މަދެވެ.

ޖަރުމަނު ސިފައިންގެ ތެރެއަށް ވަނުމަށް ޒުވާނުންނަށް ފުރުސަތު ހުޅުވާލުމުން އެކަމާކުރިމަތިލާނެ ޒުވާނުން ގާތްގަނޑަކަށް ނެތް ހިސާބަށް އަސްކަރީ ވިސްނުން ޒުވާނުންގެ ތެރޭގައި ނެތްކަން ވަނީ އެނގިގެން ގޮސްފައެވެ. މިމައްސަލާގައި ޖަރުމަނުގެ އަސްކަރިއްޔާއަށް ވަނީ ސިހުން ލިބިފައެވެ.

ޔުކްރެއިންގައި ރަޝިއާ ބަލިކުރުމަށްޓަކައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިން އަށް ހަތިޔާރު އޮއްސަމުން ގެންދާތާ 4 އަހަރާ ގާތްވެފައި ވީނަމަވެސް ރަޝިއާ ބަލިވުމުގެ ބަދަލުގައި އަސްކަރީ ގޮތުން ބަލިވަމުންދާތަން ފެންނަނީ ޔުކްރެއިންއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ރަޝިޔާއިން ޔޫކްރެއިންގައި ހަނގުރާމަ ކުރަނީ ރަޝިޔާގެ ފުރިހަމަ އަސްކަރީ ބާރު ބޭނުންކޮށްގެނެއް ނޫނެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކާ ރަޝިއާ ހަނގުރާމަކުރާނީ ވަރަށް ވޭންދެނިވި އަދި ވަރަށް ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ކުރާ ގަދަފަދަ ހަނގުރާމައެއްކަމަށާ މިފަދަ ހަނގުރާމައެއް ގައި މާގިނަދުވަހު ޔޫރަޕަށް ކެތްކޮށްނުލެވި ޔޫރަޕް ބަލިވެގެންދާނެކަމަށް ޕޫޓިން ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް