އިލެކްޓްރިކް ވެހިކަލްތައް ގަންނަން އިންވެސްޓްކުރާ މީހުންނަށް އޭނާގެ ސަރުކާރެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.
ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިޓީތަކުގައި ވަރަށް ގިނަ އަދަދަކަށް ވެހިކަލްތައް އެބަހުރި ކަމަށެވެ. ނަަމަވެސް، ތިމާވެއްޓަށް ވިސްނައި އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންވީމަ އިލެކްޓްރިކް ވެހިކަލަށް އިންވެސްޓްކުރަން ބޭނުންވާ މީހުންނަށް އެ ކަމަށް ޓަކައި އިންސެންޓިވް އަޅުގަނޑުމެން ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ އެ ކަން ތައާރަފު ކުރާނީ ސިޓީތަކަށް ކަމަށާއި އެ ފަދަ ވެހިކަލްތައް ޗާޖުކުރާނެ ސްޓޭޝަންތައް ވެސް ގާއިމުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި، ބައިސްކަލް ދުއްވުން އިތުރުކުރުމަށް ޓަކައި އީ ބައިކް ރާއްޖޭގައި ތައާރަފުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި މި ސިޓީއަށް ވެސް ވައުދުތަކެއް މުއިއްޒު ވަނީ ވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ރާއްޖެ ތަރައްގީކުރުމުގައި ވިސްނުމަކީ ސަރަހައްދީ ތަރައްގީ އެއްފަސްކުރުން ކަމަށެވެ. އެ ކަން ކުރާނީ ހުރިހާ ރައްޔިތުންގެ މަޝްވަރާއާ އެކު ހެދޭ ނެޝެނަލް ޑިވަލޮޕްމަންޓް ޕްލޭނަކާ އެކު ކަމަށް ވެސް ވިދާޅުވިއެވެ.
މި ސިޓީގައި އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 2000 ހައުސިން ޔުނިޓް ގާއިމުކުރައްވާނެ ކަމަށެވެ.
ކުޅުދުއްފުއްޓަށް ވީ އިތުރު ވައުދުތައް:
- ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކށް ހެދުން
- ވަކި މަގުތަކެއް ރޭސިންއަށް ހާއްސަކުރުން
- ޓާޝަރީ ހޮސްޕިޓަލް ހަގީގީ މާނައިގައި ބޭނުންކުރެވޭ ގޮތް ހަދައިދިނުން
- ދަމަނަވެއްޓެއް ގާއިމުކުރުން
- ޑޮލަރު އޭޓީއެމްއެއް ބެހެއްޓުން
މިރޭ ވެސް މުއިއްޒު ވަނީ މި ހުރިހާ ކަމަކަށްވުރެ ގައުމުގެ މިނިވަންކަން މުހިންމުކަން ފާހަގަކުރައްވައިފައެވެ. ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް އޭނާއަށް ވޯޓުދެއްވުމަށް ވެސް މުއިއްޒު އެދިވަޑައިގެންނެވިއެވެ.