އަތުން ކައްސާލި ކަންކަން ދެނެގަނެ އެކަންކަމަށް ހައްލު ގެނެސް ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑި ކޮށީ ޖަހަގައިގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމަކީ ދަތިކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ބާކީ މިއޮތް 17 ވަރަކަށް ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި. ބޮޑު ތަފާތަކުން މި އިންތިޚާބު ކާމިޔާބު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފާއިތުވި ދެ މަސް ދުވަހު އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ ކުރިން ބޭއްވި ކޮންމެ އިންތިޚާބެއްގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 87 ޕަސެންޓާއި 90 ޕަސެންޓާ ހަމައަށް ވޯޓުލާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ އިންތިޚާބުގައި 80 ޕަސެންޓް މީހުން ވެސް ވޯޓުލާން ނުނިކުންނަ ކަމަށެވެ.
"މިއީ ރާއްޖޭގައި އިންތިޚާބުތަކުގައި މީގެ ކުރިން ދިމާވެފައި ހުރި ގޮތެއް ނޫން. އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެއްޔާ މިއަށް ވުރެ ރަނގަޅު "ޓާންއައުޓް" އެއް ނެރެވޭނެ. ހިސާބުތަކަށް ބަލާއިރުގަ މީގެ ތެރޭގައި އަޅުގަނޑުމެންގެ ޕްލެޖް، އަޅުގަނޑުމެންނަށް ތާއީދުކުރާ އެތައް ބައެއްގެ ވޯޓު ނުލެވި ހުރީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމީހުން ވޯޓުލާން ނުނިކުތް ސަބަބު ދެނެގަންނަންޖެހޭ ކަމަށާއި އެގޮތުން އެމީހުންނަށް ވޯޓު ނުލެވުނީ ގަޑިއަށް ފަރުވާ ކުޑަކޮށްގެންތޯ ނުވަތަ ދަތުރު ހަމަޖައްސައިނުދެވިގެންތޯ ބަލަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވޯޓްލާން ނިކުންނަ މީހުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކޮށްފި ނަމަ އެކަންކަން ރަނގަޅުކުރެވި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.