މަސް ހިފަން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތުން މަސް ހިފަން މޫދަަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލެއިން މަސް ހިފަން މޫދަށް ދިޔަ މީހަކު ގެއްލިގެން މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވައި ފެނިފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު ފަޅުތެރެއިންނެވެ. ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުގައި ވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް