ގަމާއި ފޮނަދޫ ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއް ހިންގައިދޭނަން: މުއިއްޒު

މުއިއްޒު ލ. ކައްދޫއަށް އޭނާއަށް މަރުހަބާ ކިޔަން ދިޔަ ސަޕޯޓަރުންނާއެކު --

ލ. ފޮނަދޫއާއި ގަން ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގަވައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އިއްޔެ މުއިއްޒު ހައްދުންމައްޗަށް ވަޑައިގެންނެވިއިރު، ހާހަކަށްވުރެ ގިނަ މީހުން އޭނާއަށް މަރުހަބާ ކިޔަން ނުކުމެ ތިއްބެވެ.

ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ފޮނަދުއާއި ގަން ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫގެ ތަފްސީލެއް ނުދެއްވައެވެ.

އިތުރަށް ވެސް ލ. އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމަށް އޭނާގެ ތަސައްވުރު މުއިއްޒު ހާމަކޮށްދެއްވިއެވެ.

މުއިއްޒު ވިދާޅުވީ މި އަތޮޅުން އެއްބުރުން އިންތިހާބު ކާމިޔާބުކުރުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ހައްދުންމަތީގެ ތަރައްގީއާ ގުޅިފައިވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ތަރައްގީ ހާސިލުކުރަންޏާ އެ ވާންޖެހޭނެ ދެމެހެއްޓެނިވި ތަރައްގީއަކަށް. ދެމެހެއްޓެނިވި ތަރައްގީއަށް ބަލާއިރުގައި ރާއްޖޭގައި ރަށްތައް ބެހިފައި އޮންނަގޮތުން އަޅުގަނޑު މި ދަންނަވަނީ ކުޑަރަށެއް ބޮޑުރަށެއް ބެލުމެއް ނެތި ހަމަހަމަކަމާއެކު ހިދުމަތްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ހުރިހާ ރަށަކަށް ކަންކަން ކޮށްދޭން ޓާގެޓް ކުރިިކަމުގައި ވިޔަސް، އެންމެ ރަނގަޅު ތަރައްގީއެއް އަންނާނީ އެއްފަސްކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ގަދަކަމުން ކުރާނެކަމެއް ނޫން. ކުރެވޭނެ ކަމެއް ވެސް ނޫން،" މުއިއްޒު ވިދާޅުވިއެވެ.

ފޮނަދޫގައި ބިންހިއްކުމުގެ މަޝްރޫއެއް ހިންގާނެކަމަށާއި އެއީ އާބާދީއާއި ތަރައްގީ އެއްފަސްކޮށް އިގްތިސޯދީ ނަފާހޯދުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ފޮނަދުއާއި ގަމުގައި ވެސް ހައުސިންގެ މަޝްރޫއު ހިންގޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށް ޓަކައި ރާއްޖޭގެ ތިން ސަރަހައްދެެއްގައި ލެންގުއޭޖް ސްކޫލް ހަދަން ނިންމައިފައިވާ ކަމަށެވެ. ފޮނަދޫގައި ޔުނިވާސިޓީތަކުގެ ކެމްޕަސްތަކާއެކު ލެންގުއޭޖް ސްކޫލެއް ވެސް އަޅުއްވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި ރަށުގައި ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށްދިނުމަށް ވެސް ވައުދުވެވަަޑައިގެންނެވިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި ލ. ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓްގެ މަސައްކަތް އަލުން ފައްޓާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ. އަދި މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި ވެސް ރިސޯޓެއް ތަރައްގީކޮށް، ހޮޓެލް ސްކޫލެއް ގާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެތަނަކީ ތަމްރީނު ލިބޭ، ތަމްރީނު ދޭ، އޮން ދަ ސްޕޮޓް ޓްރެއިނިން އާއެކު ވަޒީފާއާ އެކު ޓްރެއިނިން ލިބިގެން ހިންގޭ ތަނަކަށް ވެއްޖިއްޔާ ރިސޯޓު ވެސް ހިންގުނީ. އާމްދަނީ ވެސް ލިބުނީ. ރައްޔިތުން ވެސް ތަމްރީނު ކުރެވުނީ. އިތުރު މީހުންނަށް ވަޒީފާ ލިބިގެން ދަނީ،" މުއިއްޒު ވިދާާޅުވިއެވެ.

"އޭރުން އެއް ދޮނުގައި ތިން ހަތަރު ބުޅި އެބަޖެހޭ،"

މީގެ އިތުރުން، މި އަތޮޅުގެ ޓޫރިޒަމަށް އެންމެ މުހިންމުކަމަކީ ކައްދޫ އެއާޕޯޓް ތަރައްގީކުރުން ކަމަށާއި އެ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ހަަދައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މި އަތޮޅުގައި އެހެން އެއާޕޯޓެއް ވެސް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ލާމަށް މުއިއްޒުގެ އިތުރު ވައުދުތައް --

  • ފޮނަދޫގެ ސަރުކާރު އޮފީސްތައް އެއް އިމާރާތަކަށް ބަދަލުކުރުން
  • ފޮނަދޫ މަގުތައް ތާރުއަޅައި ހެދުން
  • ފޮނަދޫގައި ރަނގަޅު ފެންވަރުގެ ސްޕޯޓްސް އެރީނާއެއް
  • ބަންކަރިން ޚިދުމަތާއެކު ގާދުއަށް ޓްރާންސްޝިޕްމަންޓް ބަނދަރެއް
  • ގަމުގައި ޓާޝަރީ ހޮސްޕިޓަލް އަވަސްކޮށްދިނުން
comment ކޮމެންޓް