''ޑިމޮކްރަސީއަށް ދިވެހިންގެ ދަތުރު'' މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުން މަޖިލިސް -- ސަން ފޮޓޯ

މިއަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން "ޑިމޮކްރަސީއަށް ދިވެހިންގެ ދަތުރު"ގެ ނަމުގައި ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެ މުއްދަތު އިތުރުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ މަހުގެ 10ވަނަ ދުވަހާ ހަމައަށެވެ.

މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މުބާރާތެއް ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.

މުބާރާތުގައި ތިން އުމުރު ފުރާއެއް އޮވެއެވެ. އެއީ 14 އަހަރާއި 18 އަހަރާ ދެމެދު، 18 އަހަރާއި 35 އަހަރާ ދެމެދު އަދި 35 އަހަރުން މައްޗެއްވެ. ކޮންމެ އުމުރު ފުރާއަކުން ވެސް އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެއެވެ.

އެގޮތުން އުމުރުފުރާތަކުން އެއް ވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާ ދެވަނައަށް ދާ ފަރާތަކަށް 2000 ރުފިޔާ އަދި ތިން ވަނައަށް ދާ ފަރާތަކަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 7000 ރުފިޔާ ދެވަނައަށް ހޮވޭ ފަރާތަކަށް 5500 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 4000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ހުށަހަޅާ ކުރެހުންތަކަށް މާކްސް ދޭން ހަމަޖެހިފައިވާ ގޮތް:

  • މުބާރާތުގެ ތީމާ ގުޅުންހުރި މިންވަރު: 40 މާކްސް
  • އުފެއްދުންތެރިކަން އަދި ހުށަހެޅުން: 30 މާކްސް
  • ކުރެހުމުގެ ފެންވަރު: 30 މާކްސް
  • މުޅި ޖުމުލަ: 100 މާކްސް

އުމުރު ފުރާތަކުން އެއް ވަނަ ލިބޭނީ މަދުވެގެން 70 މާކްސް ހޯދައިފި ނަމައެވެ. އަދި ދެވަނައަށް މަދު ވެގެން 60 މާކްސް އަދި ތިން ވަނައަށް މަދުވެގެން 50 މާކްސް ލިބެން ޖެހޭނެއެވެ.

comment ކޮމެންޓް