ނަޝާތަށް އީސީން އިތުރު ދައުރެއް ދިނުމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

އަލީ ނަޝާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަގާމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އަލީ ނަޝާތު އައްޔަން ކުރުމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.

ނަޝާތުގެ ދައުރު މިދިޔަ ޖުލައި މަހު ހަމަވެފައިވާއިރު، އޭނާ އިތުރު ދައުރަކަށް އީސީއަށް އައްޔަންކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ މެއި މަހު އޭނާގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގައި އުފެދުނު ކޯޅުންތަކާ ގުޅިގެން އޭރު މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމަށް ފަހު މިދިޔަ ޖޫން މަހުގެ 22ގައި މަޖިލިސް ޗުއްޓީއަށް ދިޔައެވެ.

އެހެންވެ، މިދިޔަ ރިޔާސީ އިންތިޚާބު އީސީން ބޭއްވީ އެއް މެންބަރަކު ނެތިއެވެ.

ފަސް މެންބަރުން ތިއްބަވާ އީސީއަށް ނަޝާތު އަނެއްކާވެސް އައްޔަން ކުރުމާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ މާދަމާ 14:00ގެ ކުރިން ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ. އެގޮތުން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް ޝަކުވާ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ނަޝާތު އީސީގެ މެންބަރަކަށް ވެވަޑައިގެންނެވީ ޖުލައި 25، 2018ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ.

comment ކޮމެންޓް