އެމްޑަބްލިއުއެސްސީން ހުޅުމާލޭގައި އިތުރު އާރްއޯ ޕްލާންޓެއް ބަހައްޓައިފި

ފެން ޕްލާންޓުގެ ޚިދުމަތް ފެށުމުގެ ގޮތުން މިއަދު އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއަޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އެމްޑަބްލިއުއެސްސީން ކުރަމުން ދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ދުވާލަކު 3000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓެއް މިއަދު ބަހައްޓައިފިއެވެ.

މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، ހުޅުމާލޭގައި ބެހެއްޓި އާރްއޯ ޕްލާންޓުން ދުވާލަކު 3,000 ޓަނުގެ ފެން އުފެއްދޭނެއެވެ. މިއާއެކު، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާ އަޅާބަލާއިރު އެތައްގުނައެއް އިތުރުވެ، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މާލޭ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަކީ އެ ކުންފުނީގެ އަމާޒަށްވީއިރު، އެކަން ޔަގީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނި ކުރަމުން ކަމަށެވެ.

އެގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، ދެ ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކު ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ހަމަމިއާއެކު، މާލެ ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯ ގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި 10,000 ޓަނުގެ އެއް ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

ޝާހު ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅުގައި މީހުން އާބާދުވާންވާއިރަށް އެތަންތަނުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބުރަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އަދިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މަންޒަރު. މި ފެންނަނީ ހުޅުމާލޭ ސަރަހައްދުންނާއި، ގުޅީފަޅު ސަރަހައްދުންނާއި، ގިރާވަރު ފަޅު ސަރަހައްދުން ގޯތިތައް ލިބިގެންދާ މަންޒަރު. މިތަންތަނަށް ޔުޓިލިޓީގެ ޚިދުމަތް އަންނަން ޖެހޭނެ. މި ކަންކަމަކީ އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ނޫނިއްޔާ ވާނެ ކަމެއް ނޫން،" ޝާހު ވިދާޅުވިއެވެ.

ފެން ޕްލާންޓުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއަޔާތުގައި ޝާހު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މީހުން އާބާދުވެގެންދާ ވަރަކަށް ފެން ފޯރުކޮށްދިނުމަށް މެދުވެރިވާ ހުރަސްތަކަކީ އަބަދުވެސް އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. ނަމަވެސް މިއަދު ބެހެއްޓި 3000 ޓަނުގެ ފެން އުފައްދާ ޕްލާންޓާއެކު، މިވަގުތަށް ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީން ކަން ލިބުނީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް އަދި ހިންދަމާލަން މާ އަވަސް. ކުރިއަށް އޮތް 10 އަހަރުތެރޭ ފުލް ގިއަރު ގައި މަސައްކަތް ކުރަން ޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެމްޑަބްލިއުއެސްސީން ހަމައެކަނި ކުރަމުން އަންނަ މަސައްކަތަކީ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ނޫން ކަމަށެވެ. އެގޮތުން އެ ކުންފުނިން އިޖުތިމާއީ ޒިންމާގެ ގޮތުގައި ކުރަމުން އަންނަ ބުރަ މަސައްކަތާއި، މީހުން ބިނާ ކުރުމުގައި ކުރަމުން އަންނަ މަސައްކަތްތައް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މާލެ އަދި ހުޅުމާލޭގައި މީހުން އިތުރުވަމުން އައި ނަމަވެސް އެމްޑަބްލިއުއެސްސީން ދެމުން އަންނަ ޚިދުމަތަަށް އެއްވެސް ބަދަލެއް ނާންނަ ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ތައުރީފު ކުރައްވައިފައެވެ.

މާލޭގެ އިތުރުން އެމްޑަބްލިއުއެސްސީން އަންނަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް