މިހާރު ހުރި ހުރިހާ ޕާކިން ޖޫރިމަނާއެއް މާފުކޮށްދޭނަން: މުއިއްޒު

ޑރ. މުއިއްޒު ފުނަދޫގައި ވާހަކަ ދައްކަވަނީ --

(ށ. ފުނަދޫއިން ޢާލިމް އަބްދުއްލަތީފް)

މި ސަރުކާރުން ވެހިކަލްތަކުގައި ސްޓިކާ ޖަހައި ޕާކިން ޖޫރިމަނާތައްކޮށްފައިވާ ގޮތަށް ފާޑުވިދާޅުވެ، އޭނާގެ ސަރުކާރެއްގައި އެ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ފުނަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއީ މި ސަރުކާރުގެ ދޯހަޅި، ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ތެރެއިން ދިމާވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ޕާކްކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ނުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޕާކްކުރާނެ ޖާގަ ނެތް ކަމަށާއި ސިޓީ ކައުންސިލުން ވެސް ޕާކްކުރާނެ އިމާރާތް ހަދަން ފުރުސަތު ނުދެއްވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"ސްޓިކާ ޖަހާ ޖަހާ ކޮންމެ ޒުވާނެއްގެ ބޮލަށް އެބައޮތް އެތައް ހާސް ޖޫރިމަނާ އަރާފައި އެބައޮތް،" މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރަށް އެންމެ ގިނައިން ފައިސާ ލިބެނީ ޖޫރިމަނާއިން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޖޫރިމަނާތައް އެކީގައި މާފުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ޑރ. މުއިއްޒު ފުނަދޫގެ ޒުވާނަކާ ސަލާންކުރައްވަނީ --

މީގެ އިތުރުން، މާލޭގައި މިހާރު ވެސް ޕްލޭން ކުރެވިފައިވާ ގޮތަށް އެކި ސަރަހައްދުތަކުގައި މަލްޓި ސްޓޯރީ ޕާކިން އިމާރާތްތައް އަޅައިދެއްވާނެކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އޭގެ ސަބަބުން، ހުރިހާ ޓެކްސީތަކަށާއި ޕްރައިވެޓް ކާރުތަކަށާއި އަދި ގިނަ ސައިކަލުތަކެއް ވެސް ޕާކުކުރާނެ ޖާގަ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ގަރާޖު ސިޓީއަށް ސަލާން ޖަހަން ޖެހުން ހުއްޓުވާނަން. އާންމުންގެ ގޭގެއިން ޕާކުކުރަން ޖާގަ ދައްކާށޭ ކިޔައިފައި ޓްރާންސްޕޯޓުން މި ގެންގުޅޭ ދެކޮޅު ނުޖެހޭ ސިޔާސަތަށް ނިމުން ގެންނާނަން،" މުއިއްޒު ވިދާޅުވިއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި ވެސް 10،000އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް