ޖަޒީރާ ރާއްޖެއެއްގައި ހަމަޖެހިލައިގެން ދިރިއުޅެވެން މި ފެށުނީ އަދިކިރިޔާ: ރައީސް

ރައީސް ބ. ހިތާދޫގައި ވާހަކަފުޅުދައްކަވަނީ --

ޖަޒީރާ ރާއްޖެއެއްގައި ހަމަޖެހިގެން ދިރިއުޅުމެއް އުޅެވެން މި ފެށުުނީ އަދިކިރިޔާ ކަމަށާއި މި އަމާޒަށް ވާސިލްވެ، ދެން ހުރި މަސައްކަތްތައް ހުއްޓިއްޖެ ނަމަ ދެން އަނެއްކާ ވެސް ރާއްޖެ ދާނީ ގޯސް މިސްރާބަކަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބ. ހިތާދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީީ އަބަދުވެސް ސިޔާސީ ކަންކަމަށް ނިކުމެވަޑައިގަންނަވަނީ ސިޔާސަތުތަކާއެކު ކަމަށެވެ.

އެއީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެކުލަވައިލާ ސިޔާސަތުތަކެއްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ކެމްޕޭންގައި އެ މަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުން ވެސް ފެންނަނީ އެ ވައުދުތައް ފުދެމުން އަންނަ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން އަދިކިރިޔާ އަޅުގަނޑުމެންނަށް މި އާދެވުނީ މިފަދަ ޖަޒީރާ ރާއްޖޭގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތަކަށް އިންތިޒާމުވެގެން އެޅިގެން ދިޔަ ބިންގާ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެން އޮތީ އެ ބިންގަލުގެ މަތީގައި ދިރިއުޅުން ބިނާކުރުން ކަމަށެވެ.

އެގޮތުން އަސާސީ ޚިދުމަތްތައް ރަށުގައި ޔަގީންވެ، އަމިއްލަ އާއިލާއާއެކު އަމިއްލަ ރަށުގައި ދިރިއުޅެވޭނެ މަގުފަހިވެގެން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އޮތީ އެ ރަށެއްގައި ތިބެ އާމްދަނީ ހޯދާނެ ގޮތްތައް ހޯދައިދިނުން. އެއަށް ވެސް އެބަ މަސައްކަތްތަކެއް ކުރެވޭ. އޭގެ ތެރެއިން އެއް ދާއިރާއަކީ ޓޫރިޒަމް އިންޑަސްޓްރީ. ރާއްޖޭގެ ރަށްތަކަށް ލިބޭ އަސާސީ ޚިދުމަތްތަކާއެކީގައި ކޮންމެ ރަށެއް ފައްކާވަނީ އެ ފަދަ ވިޔަފާރިއަކަށް އެންމެ ރަނގަޅު ތަނަކަށް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ އެކީގައި ގުޅައިލެވުމުން ވެސް ރައްޔިތުންނަށް ގިނަ ފަސޭހަތަކެއްވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެ ކަމުގެ ބިންގާ އަޅަން ފަށައިފައިވާ ކަމަށެވެ. އެ ކަން މެދުކެނޑިއްޖެ ނަމަ ގެއްލުން ބޮޑުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު މި މަސައްކަތް ކުރެވިފައި އޮތް ހިސާބުން މި ކަން ހުއްޓުމަކަށް އަތުވެއްޖެނަަމަ ވަރަށް ބޮޑެތި ގެއްލުންތައް މުޅި ރާއްޖެއަށް ލިބޭނެ. އަޅުގަނޑުމެންގެ ވާދަވެރިންގެ ވިސްނުން ހުރި ގޮތް ވަރަށް ސާފު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިދިކޮޅުގެ ވިސްނުން ހުރީ އަދިވެސް މުޅި ރާއްޖެ ތަރައްގީީކުރުމަކީ ބޭނުންވާ ކަމެއް ނޫންގޮތުގައި ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ ހުރިހާ ރަށެއް ތަރައްގީކޮށްގެން ރާއްޖެ ތަރައްގީކުރުންކަމަަށެވެ.

ދެވަނަ ދައުރެއްގައި ހިތާދުއަށް ރައީސްގެ ވައުދުތައް

  • ބިންހިއްކައި ހައުސިން ޔުނިޓް އެޅުން
  • ފަޅުގައި ޕިކްނިކް ދާނެ ރަށެއް ހެދުން
  • އިންޑޯ ކުޅިވަރާއި ޖިމް ހިމެނޭ ކޮމިއުނިޓީ ސެންޓަރެއް އެޅުން
  • ބޯޓް ޔާޑެއް ތަރައްގީކުރުން
  • ފުޓްސަލް ދަނޑަކާއި ފުޓުބޯޅަ ދަނޑެެއް އެޅުން
comment ކޮމެންޓް