އައްޑޫއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

އައްޑޫ ސިޓީ --- ފޮޓޯ / ފޭސްބުކް

އައްޑޫ ސިޓީން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވި އެންމެނަށް ގޯތި ދިނުމަށް އެ ސިޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެކުރިން "ސަން" އަށް ވިދާޅުވީ ޝަރުތުހަމަވާ އެންމެންނަށް ގޯތިދޭން ނިންމިއިރު، އޭގެ ތެރޭގައި، އަލަތު ކައިވެންޏެއް ނުކޮށް ތިބި ޒުވާނުން ވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަނުވަނީ ވަރަށް މަދު މީހެއް ކަމަށެވެ.

އައްޑޫއިން ގޯތި ދޫކުރަނީ މިހާރު ހުރި ބިމުންނާއި، އަލަށް ހިއްކާ ބިން ވެސް ހިމެނޭހެންނެވެ.

އައްޑޫގެ ބިން ހިއްކުމަށް ހިންގާ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ ހަތަރު ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެއެވެ. އޭގެ އިތުރުން ހުޅުމީދޫގައި 42 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީން 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެބަ ކުރިއަށްދެއެެވެ.

މާލެއިން ވެސް ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވީ އެންމެންނަށް ގޯތި ދިނުމަށް، ސަރުކާރުން ވަނީ ނިންމާފައެވެ. އެ މީހުންނަށް ހުޅުމާލެއާއި، ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތިދިނުމަށް ނިންމާފައިވާއިރު، އެ ގޯތި ތަކުގެ ގުރު ނެގުން މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް